މަޝްހޫރު "ހޯމް އެލޯން"ގެ ފިލްމްތަކުން ފެނިގެންދިޔަ އެކްޓަރ މަކައުލީ ކަލްކިން އާއި އޭނަގެ ބައިވެރިޔާ ބްރެންޑާ ސޯންގް އަށް ދަރިއަކު ލިބިއްޖެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ފިރިހެން ކުއްޖަކު ލިބުނުކަން މި ދެބައިވެރިން އިއުލާންކުރީ މީގެ 2 ދުވަސް ކުރިންނެވެ. މި ދެބައިވެރިންގެ އަލަތު ދަރިފުޅަށް ދީފައިވާ ނަމަކީ ޑަކޯޓާ ސޯންގް ކަލްކިން އެވެ.
މަކައުލީ ހާމަކުރިގޮތުގައި ދަރިފުޅަށް ނަން ދީފައިވަނީ 2008 ވަނަ އަހަރު މަރުވި އޭނަގެ ދައްތަ ޑަކޯޓާ ގެ ނަމުންނެވެ.
މަކައުލީ އާއި ބްރެންޑާ އެންމެ ފުރަތަމަ ދިމާވީ 2017 ވަނަ އަހަރު ފިލްމް "ޗޭންޗްލޭންޑް"ގެ ސެޓް ތެރެއިންނެވެ. އަދި ޑޭޓް ކުރުމަށްފަހު 2018 ވަނަ އަހަރު މި ދެމީހުން ވަނީ އެކުގައި ދިރިއުޅެން ފަށައިފައެވެ.




