ތ. ކިނބިދޫއިން އިތުރު ހަތްމީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެ އަރަށުން ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.
ކިނބިދޫއިން އިތުރު ހަތްމީހުން ޕޮޒިޓިވުވެފައިމިވަނީ މިދިޔަ އާދިއްތަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކަކުން ހަތަރު މީހުން ޕޮޒިޓިވުވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނިކޮށެވެ.
ކިނބިދޫއިން މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވުވި ހަތަރު މީހުންނަކީ ބަލީގެ އަލާމާތްތައް ހުރުމުން ނެގި ސާމްޕަލުން ޕޮޒިޓިވްވި ހަތަރު މީހުންކަމަށް އެރަށު ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ.
ކިނބިދޫއިން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި ހަތްމީހުންނަކީ މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވުވި ހަތަރު މީހުންގެ ތެރެއިން ދެމީހަކާއި ގުޅުންހުރި ބަޔެއް ކަމަށާއި އެރަށުގައި ޕޮޒިޓިވުވެފައިވާ މީހުންގެ ތެރެއިން އެކަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމަށްވެސް އެރަށު ހެލްތް ސެންޓަރުން މައުލޫމާތު ދެއެވެ.
ރާއްޖެތެރޭގެ ގިނަ ރައްތަކުން ކޮވިޑްގެ ކޭސްތައް ފެނި ބައެއް ރައްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅުމަށްފަހު މިހާރު މިވަނީ ޕޮޒިޓިވް ވޭސްތައް 100 އިން ދަށައް ގޮސްފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 58 މީހުންނެވެ.
								
											

