ތ. ކިނބިދޫ | ފޮޓޯ: ސައުދު

ކިނބިދޫ ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ތ.ކިނބިދޫގައި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވެފައިވަނީ ކިނބިދޫ، ކިނބިމާގެ، އުމުރުން 32 އަހަރުގެ ހަސަން ރަހާ އެވެ.

ކިނބިދޫ ހެލްތު ސެންޓަރުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވި ޒުވާނާއަކީ ކަރަންޓީނުގައި ހުުރި މީހެއް ނޫންކަމަށެވެ. އަދި މީގެކުރިން އޭނާގެ ރެންޑަމް ސާމްޕަލްއެއް ނެގިފައިވާކަމަށާއި، އަދި އެ ސާމްޕަލްގެ ނަތީޖާއައީ ނެގެޓިވްކޮށްކަމަށްވެސް ބުންޏެވެ.

ހެލްތުން އިތުރަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ ހާލަަތު ހުރި ގޮތުން މިއަދު ހެނދުނުވެސް އާޢިލާގެ ފަރާތުން އެ ސެންޓަރަށް ގުޅިކަމަށާއި، އަދި ހެލްތު ސެންޓަރުން އެގެއަށް ގޮސް އޭނާއަށް ފަރުވާވެސް ދީފައިވާކަމަށެވެ. އަދި އޭރު އޭނާގެ ހާލު ރަނގަޅުކަމަށްވެސް ކިނބިދޫ ހެލްތު ސެންޓަރުން މިނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

އޭނާ ނިޔާވެފައިވަނީ ހެލްތުން އެޓެންޑްވެ ފަރުވާދިންފަހުން އޭގެ ގާތްގަނޑަކަށް ދޮޅު ގަޑިއެއް ހާއިރުފަހުންކަމަށްވެސް ހެލްތުންވަނީ ބުނެފައެވެ. އަދި ކޮވިޑާ ގުޅުންހުރި އެއްވެސް ކަމެއްގެ އަލާމާތެއް އަދި ހުމެއް ވެސް އޭނާގެ ހަށިގަނޑުން ފެންނަން ނެތްކަމަށްވެސް އެ ސެންޓަރުންވަނީ ޔަޤީންކޮށްދީފައެވެ.

އަދި އޭނާގެ ކުއްލި މަރާއި ގުޅިގެން ކޮވިޑް ސާމްޕަލް ނެގިފައިވީނަމަވެސް އަދި އެ ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް ހެލްތުން މަޢުލޫމާތު ދެއެވެ.

މަރުވި ޒުވާނާގެ ޖަނާޒާ މިއަދު މެންދުރުފަހު 2:00 އިރު ވަނީ ބާއްވާފަ އެވެ. އޭނާގެ ޖަނާޒާގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ ކޮވިޑް ބަލީގެ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ގޮތަށެވެ.

މީގެއިތުރުން ކިނބިދޫއަކީ މިވަގުތު މޮނިޓަރިންގައި އޮތް ރަށެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ