ޖަންނަތު (09)

(އަށްވަނަ އަދަދާއި ގުޅޭ)

ކުރިއަށް ހިނގައިގަންނަމުން އަރުޝަމް އަތުން އިޝާރާތްކޮށްލުމާއެކު ޖަންނަތު ފަހަތުން ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އަރުޝަމްއާއެކު އެކަނި އެތަނަށް އައުމަކީ ހެދުނު ގޯހެއްކަމުގައި އޭނާގެ ސިކުނޑިން އިންޒާރުދެމުންދިޔައެވެ. ނަމަވެސް އަރުޝަމް ފެނުމުން ވާގޮތެއް ނޭނގެއެވެ. އަމިއްލަ ނަފްސަށް ބާރު ފޯރުވަން އޭނާ ނުކުޅެދެއެވެ. ރަނގަޅުކަމެއް ނޫންކަން އެނގުނަސް އަރުޝަމް އެދިއްޖެނަމަ ދެކޮޅުހަދަން ފަސްޖެހެވެއެވެ.

އެ ބޮޑު އިމާރާތުގެ މައި ދޮރުން ވަދެގެން ތަންކޮޅަކަށް ހިނގުމަށްފަހު އަރުޝަމް ވަނީ ލިފްޓެއްގެ ތެރެއަށެވެ. ޖަންނަތު ވަންނަންދެން އަރުޝަމް ހުރީ ލިފްޓުގެ ދޮރުގައި ހިފަހައްޓާލައިގެންނެވެ. އިސްދަށަށް ޖަހާލައިގެން ހުރެ ޖަންނަތު ގޮސް ލިފްޓުގެ އެއް ކަނެއްގައި މަޑުކޮށްލިއެވެ. އެއާއެކު އަރުޝަމް ފިއްތާލީ ލިފްޓްގައި ދިހައެއް ޖާހަފައިވާ ފިތަށެވެ. ލިފްޓު މައްޗަށް އަރަން ފެށުމާއެކު އަރުޝަމް ގޮސް ޖަންނަތު ހުއްޓި ހުރި ކަން ނޫން އަނެއްކަނުގައި މަޑުކޮށްލިއެވެ. ދެން ހޭދަވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

އަޑެއް އިވިފައި ލިފްޓުގެ ދޮރު ހުޅުވުނު އަޑަށް ޖަންނަތު އިސްއުފުލާ ބަލާލިއިރު ކުރިމަތިން ފެންނަން ހުރީ ދޮރެކެވެ. ލިފްޓުން ފުރަތަމަ ނުކުތީ އަރުޝަމްއެވެ. ކުރީފަހަރެކޭ އެއްގޮތަށް ޖަންނަތު ލިފްޓުން ނުކުންނަންދެން އަރުޝަމް ދޮރުގައި ހިފަހައްޓާލައިގެން މަޑުކޮށްލިއެވެ.

ކުރިމަތިން ފެންނަން ހުރި ދޮރު ހުޅުވާލިއިރު އެއީ ބޮޑު އެޕާރޓްމެންޓެކެވެ. އަރުޝަމްގެ ފަހަތުން އެތެރެއަށް ވަދެފައި ޖަންނަތު އެތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އެއީ ވަރަށް ތަނަވަސް އެޕާރޓްމެންޓެކެވެ. ސިޓިނގްރޫމްގެ މެދެއްހާ ހިސާބުގައި ބޮޑުބޮޑު ކަޅުކުލައިގެ ލެދަރ ސޯފާސެޓެއް ހުއްޓެވެ. ސޯފާސެޓްގެ ކުރިމަތީ ފާރުގައި ބޮޑު ފްލެޓް ޓީވީއެއް ހަރުކޮށްފައި ހުރިއިރު އެއްކައިރީގައި ބަހައްޓާފައި ހުރި ބޮޑު ރެކެއްގައި އެކި ވައްތަރުގެ ގަސް އިންދާފައިވާ ޕޮޓްތައް ހުއްޓެވެ. މަތީގައި ހަރުކޮށްފައި ހުރީ ޝާހީ ޑިޒައިނެއްގެ ޗާނދަލިޔާތަކެކެވެ. ސޯފާތަކުގެ ތަންކޮޅެއް ފަހަތުގައި ކަހާލެވޭ ބިއްލޫރި ބޮޑު ދޮރެއް ހުއްޓެވެ.

ޖަންނަތު އެކި ތަންތަނަށް ބަލަން ހުއްޓާ އަރުޝަމް އެތެރެއަށް ގޮސް ގެއްލުނެވެ. އެވަގުތު ހަދާނެ ގޮތެއް ނޭނގުމުން އާދައިގެމަތިން ޖަންނަތަށް އިނގިލީގެ ނިޔަފަތިތައް ކާން ފެށުނެވެ.

"ބަނޑުހައިވީތަ؟ އާދޭ މިކޮޅަށް." ދޮރަކުން ނުކުމެފައި ޖަންނަތާ ދިމާއަށް ބަލާލަމުން އަރުޝަމް ވާހަކަދައްކަންފެށިއެވެ. އޭރުވެސް އެއަޑުގައި ކުރިން ހުންނަ އުފާވެރިކަމެއް ނެތެވެ.

ސޯފާސެޓުގެ ފަހަތުގައި ހުރި ދޮރު ކަހާލުމަށްފަހު އަރުޝަމް ނުކުތުމާއެކު ޖަންނަތުވެސް އެދިމާއަށް ހިނގައިގަތެވެ. އެއީ އެޕާރޓްމެންގެ ބެލްކަންޏެވެ. އެތަންވެސް އެހާ ތަނަވަހެވެ. އެތަނުން ބޭރު ބަލާލުމުން ފެންނަނީ މޫދެވެ. އަރުޝަމް އެތާވެސް މަޑުކުރާ ޚިޔާލެއް ނުކުރިއެވެ. ބެލްކަނީގެ ތަންކޮޅަކަށް ހިނގާލެވުމުން މައްޗަށް އެރޭގޮތަށް ހުރި ވަށް ސިޑިއެއް ހުއްޓެވެ. އަރުޝަމްގެ މިސްރާބު ހުރީ އެދިމާއަށެވެ. ޖަންނަތުވެސް ޗާބީ ދީފައި ހުރި ބުދެއްފަދައިން އަރުޝަމްގެ ފަހަތުން ހިނގަމުން ދިޔައެވެ.

މައްޗަށް އެރުމާއެކު ޖަންނަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މުޅި އެޕާރޓްމެންޓްގެ ބޮޑު މިނަށް ހަދާފައިވާ ޓެރެސް އޮތީ އެއްކޮށް ފެހި ކުލައިގެ ކާރޕެޓް އަޅާފައެވެ. އެތަނުގައިވެސް އެކި ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. ހިޔާކޮށްފައި ހުރި ބަޔެއްވެސް ހުއްޓެވެ. އެބައިގައ ބޮޑު އުނދޯއްޔަކާއި މޭޒެއް ބަހައްޓާފައި ހުއްޓެވެ. ޓެރެސްގެ އެކި ހިސާބުތަކުގައި ކުދި މޭޒުތަކާއި ރީތި ގޮނޑިވެސް ބަހައްޓާފައި ހުއްޓެވެ.

އަރުޝަމް ގޮސް ހުއްޓިލީ ހިޔާކޮށްފައި ހުރި ތަންކޮޅުގައި ބަހައްޓާފައި ހުރި މޭޒު ކައިރީގައެވެ. މޭޒުމަތީގައި އަތުރާފައިހުރި ތަށިތައް ޖަންނަތުގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަރުޝަމް ފަހަތަށް އެނބުރިލާފައި ބޮލުން އިޝާރާތްކޮށްލުމުން ޖަންނަތު އެދިމާއަށް ހިނގައިގަތެވެ. މޭޒުމަތީގައި ހުރި ދެ ތަށީގައި ހުރީ މީރު ވައްތަރަކަށް ހަދާފައި ހުރި ޕާސްތާއެވެ. ޕާސްތާއަކީ ޖަންނަތަށް އެންމެ މީރު ކެއުމެވެ. ކާ ތަށިތައް ކައިރީގައި ދެ ބިއްލޫރި ތަށީގައި ޖޫސް އަޅާފައި ހުއްޓެވެ. އަދި މެދުގައި ހިތުގެ ބައްޓަމަށް ހުރި ޗޮކްލެޓް ކޭކަކާއި އެކި ވައްތަރުގެ މާ އެކުލެވޭ މާބޮނޑިއެއް އޮތެވެ. ކޭކުގައި "ހެޕީ އެނިވާރސަރީ" ޖަހާފައި އޮތެވެ.

"ދިސް އިޒް ފޮރ ޔޫ." މާބޮނޑި ނަގާ ޖަންނަތާ ދިމާއަށް ދިއްކޮށްލަމުން އަރުޝަމް ބުންޏެވެ.

"ތެންކްޔޫ." އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭނގިހުރެ ޖަންނަތު މާބޮނޑީގައި ހިފިއެވެ. އަދި މޭޒުކައިރީގައި ހުރި ގޮނޑި އަރުޝަމް ދުރުކޮށްލުމުން އެގޮނޑީގައި އިށީނދެލިއެވެ.

މާބޮނޑީގައި ހުރި މާތަކަށް ބަލާލުމަށްފަހު ވަސްގަނެފައި ޖަންނަތު އިސްއުފުލާލިއިރު އަރުޝަމް އިނީ ކުރިމަތީގައި ހުރި ގޮނޑީގައި ޖަންނަތާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު އެލޮލުގައި ހުރި އަސަރަކުން ޖަންނަތުގެ ހުރިހާ ހިއްސަކަށް އެނގުންވެގެންދިޔައެވެ.

"ކީއްވެތަ އަހަރެންގެ ހިތަށް ތަދުކުރަނީ؟" ޖަންނަތާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ އަރުޝަމް ބުންޏެވެ. އެވަގުތު އެއަޑުގައި ހުރި ރިހުން ޖަންނަތުގެ ހިތާ ހަމައަށް ފޯރިއެވެ.

އަރުޝަމް މަޑުމަޑުން ކަނާއަތް ކުރިއަށް ޖައްސާލުމަށްފަހު މޭޒުމަތީގައި އޮތް ޖަންނަތުގެ ވާއަތުގައި ހިފާލިއެވެ. އަދި އިނގިލިތައް ޖަންނަތުގެ އަތުގެ އިނގިލިތަކުގެ ތެރެއަށް ލައްވާލިއެވެ.

"އަހަންނަށް ކީއްކުރެވުނީ؟" އަރުޝަމް ދެރަވެފައި އިނުމުން ޖަންނަތުވެސް ދެރަވިއެވެ.

އެވަގުތު ކުއްލިއަކަށް އަރުޝަމް ޖަންނަތުގެ އިނގިލިތަކަށް ތަދުވާވަރަށް ބާރުކޮށްލިއެވެ. އޭރުވެސް އޭނާ އިނީ ޖަންނަތާ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. އަތަށް ތަދުވިވަރުން ޖަންނަތަށް އަޑެއް ލައްވާލެވުނެވެ. ލޮލުން ފެންވެސް އަންނަންފެށިއެވެ. ނަމަވެސް އަރުޝަމް އަތަށް ދުލެއް ނުދިނެވެ.

"ޖަންނަތު އެހެން ފިރިހެންކުދިންނާ ވާހަކަ ދައްކާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ. އެނގެއެއްނު ފިޒާމް ޖަންނަތު ދެކެ ލައިކްވާކަން. ދެން ކީއްވެ ވާހަކަ ދައްކަނީ؟ އަހަރެން ލޯބިވާވަރު އަދިވެސް ޖަންނަތަށް ނޭނގެނީތަ؟" އަރުޝަމްގެ ލޮލުގައި އޭރު ލޯތްބާއި ޙަސަދަވެރިކަން އެކުލެވިފައި ހުއްޓެވެ. އޭނާގެ ލޮލުންވެސް ފެން އަންނަންފެށިއެވެ.

"އަރުޝަމް ޕްލީޒް ދޫކޮށްލަބަލަ! ތަދުވެޔޭ." ތަދުވިވަރުން ޖަންނަތު އަތަށް ކުއްލިއެއް ޖަހާލިއެވެ. އެވަގުތު އަރުޝަމް ތެޅިގަނެފައި ޖަންނަތުގެ އަތުން ދޫކޮށްލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް ޖަންނަތަށް އިނީ ރޮވިފައެވެ.

"ސޮރީ. ނޭނގެ ތަދުވާވަރަށް ހިފުނުކަމެއް. ދައްކަބަލަ ބަލާލަން." ކުއްލިއަކަށް އަރުޝަމްގެ އަޑުން ހިތާމައިގެ އަސަރު ފާޅުވިއެވެ. އަދި އިށީނދެ އިން ތަނުން ތެދުވެގެން އައިސް ޖަންނަތު ކައިރީގައި ކަކޫ ޖަހައިގެން އިށީނެވެ. އެވަގުތު ޖަންނަތު ބިރުން އުޅޭ މީހަކު ފަދައިން ތަދުވި އަތް ފުރަގަހަށްލިޔެވެ.

"ސޮރީ! ދެން އެހެންނެއް ނުހަދާނަން. އައި ލަވް ޔޫ." އިސްދަށަށް ޖަހާލަމުން އަރުޝަމް މަޑުމަޑުން ބުންޏެވެ. އެވަގުތު ޖަންނަތުގެ ގަނެފައި އިން ބިރު ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގެއެވެ.

އަރުޝަމް އޭނާއަށް މިޖައްސަނީ ކޮން ޖާދުލެއްހެއްޔެވެ؟ އެއްފަހަރު ދެރަކޮށްލައެވެ. އަނެއްބައިފަހަރު ބިރު ގަންނަވާލައެވެ. ނަމަވެސް އަރުޝަމްގެ ފިރިހެންވަންތަ އަޑުން ލޯބިވާކަން ހާމަކޮށްލާ ކޮންމެ ފަހަރަކު ހިތް މަޑު ފުށްކޮޅަކަށްވެގެންދެއެވެ.

ޖަންނަތު އަރުޝަމްގެ ބޮލުގެ ބުޅި އިސްތަށިތަކާ ކުޅެލިއެވެ. އެ ލޯބި ހަރަކާތް އިޙުސާސްވުމާއެކު އަރުޝަމް ބޯ ހިއްލާލިއެވެ. އޭރު އެދެލޮލުން ކަރުނަ ހިލިފައި ހުރިތަން ޖަންނަތަށް ވަރަށް ރީއްޗަށް ފެނުނެވެ. އެވަގުތު ޖަންނަތުގެ ހިތަށް ވީގޮތްވެސް ނޭނގެއެވެ. އެހާ ކައިރިން އަރުޝަމްގެ ރޮވިފައިވާ ދެލޯ ފެނުމުން ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ.

"ނޭނގެ ވާގޮތެއް. ޖަންނަތު ތިއީ އަހަރެންގެ ބަލިފައި. އެއްވެސް ޙާލެއްގަ ޖަންނަތު ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ދެން ކިހިނެއް ހަދާނީ؟" ކުށްވެރިޔަކު ފަދައިން ޖަންނަތުގެ އަތްތިލަ ނަގާ ތުންފަތުގައި ޖައްސާލަމުން އަރުޝަމް ވާހަކަ ކުރިއަށްގެންދިޔައެވެ.

"އަރުޝަމް އަހަންނަށް އިތުބާރު ނުކުރަންތަ؟ އެ ހުރިހާ ފިރިހެން ކުދިން ތިއްބާވެސް އަހަރެން އަރުޝަމްއާއެކު މިތާ މިއިނީ ކަމެއްވީމައެއްނު." ލޯބިވާ ވާހަކަ ސީދާ ބަހުން ނުބުނި ނަމަވެސް ޖަންނަތުގެ ހިތުގައިވާ އިޙުސާސްތައް އަރުޝަމްގެ ކުރިމަތީގައި ނުސީދާކޮށް ހާމަކޮށްލިއެވެ. އެވަގުތު ޖަންނަތުގެ ދެއްކި ވާހަކަތައް ޤަބޫލުކޮށް އަރުޝަމް ހިނިތުންވެލިއެވެ. އަދި ތެދުވެގެން ގޮސް ކުރިން އިން ތަނުގައި އިށީނެވެ.

އެއީ އެކަމުގެ ނިމުންކަމުގައި ޖަންނަތު ހީކުރިއެވެ. ނަމަވެސް އެއީ ޖަންނަތަށް ކުރެވުނު ކުށްހީއެކެވެ. ކިރިޔާވެސް ފިރިހެން ކުއްޖަކާ އަނގައިން ބުނެލިކަން އެނގޭ އިރަށް އަރުޝަމްގެ މިޒާޖު އެއްކޮށް ބަދަލުވެއެވެ. ޖަންނަތަށް ބައެއް ކަންކަންވެސް އަރުޝަމް މަނާކުރަން ފެށިއެވެ. ގަޔަށް ބާރު ހެދުން ނުލުމަށާއި މާބޮޑަށް ރީތިވެގެން ބޭރަށް ނުނިކުތުމަށް އަމުރުކުރިއެވެ. އަދި އަރުޝަމް ބުނާގޮތަށް ކަންތައް ނުކުރެވިއްޖެނަމަ ޖަންނަތަށް ކުދިކުދި އަނިޔާ ކުރަންފެށިއެވެ. އެކަންވީ ޖަންނަތަށް ނަފްސާނީގޮތުންވެސް އަސަރުކުރަން ފެށި ކަމަކަށެވެ. އަބަދު ހިތް ބިރުގެންގައި ހުންނަން ޖެހުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރު ކުރަންފެށިއެވެ. ނަތީޖާ ދަށްވާންފެށީ ޢާއިލާއާއި ރަށްޓެހިންނަށްވެސް ފާހަގަވާ މިންވަރަށެވެ.

ގުޅުމަށް ދޮޅު އަހަރުވީއިރު ޖަންނަތު ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެއްކޮޅުން ހިތުގައި ބިންވަޅު ނެގިފައިވާ އަލަތު ލޯތްބެވެ. އަނެއްކޮޅުން އަލަތު ލޯބިން ލިބެމުންދިޔަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެވެ. އަރުޝަމް އެއް އަތުން ޖަހައިފިނަމަ އަނެއް އަތުން އޭގެ ދެގުނައަށް ލޯބިދެއެވެ. ލިބުނު އަނިޔާ އެއްކޮށް ހިތުން ފުހެލެވޭވަރުކޮށްދެއެވެ. ޖަންނަތަށް އެގުޅުމާ ދުރަށް ނުދެވިގެން އުޅެނީ އެސަބަބަށްޓަކައެވެ. ޖަންނަތު ހުރީ އަރުޝަމްގެ ލޯބީގައި ދީވާނާވެފައެވެ. އަރުޝަމް އެހެން މީހަކާ އެކުގައި އުޅޭތަން ދެކޭކަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ.

ކަން ހިނގަމުންދާ ގޮތް ޖީނާއާއި ޒަހާއަށް އެނގެންފެށި ހިސާބުން އަރުޝަމްއާ ދުރަށް ދިއުމަށް އެމީހުން ނަސޭހަތްތެރިވިއެވެ. އެފަދަ ގުޅުމަކުން ކުރިމަގުގައި ރަނގަޅު ނަތީޖާއެއް ނުފެންނާނެކަމުގައި އެމީހުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ޖަންނަތުގެ ކަންފަތް އޭރު ހުރީ ބީރުވެފައެވެ. އެންމެ ފަހުން ދެންވީ ޖަންނަތު ވާން އެންމެ ބޭނުންނުވި ކަންތަކެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ