ސަޕްލައި ދޯންޏެއްގައި އދ. ދަނގެއްޗަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތިލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން އދ. ދަނގެއްޗަށްދާ ސަޕްލައި ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.
އެގޮތުން ފުލުހުންގެ އިންޓެލިޖެންސާއި ދަނގެތީގައި މަސައްކަތްކުރާ ފުލުުހުން ގުޅިގެން މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ދަނގެތީ ބަނދަރާ ގާތްކުރުމުން ދޯންޏަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 161 ރަބަރު ޕެކެޓު ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުން އިއްޔެ ވަނީ މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުޅާދޫގައި މަސައްކަތްކުރާ ފުލުުހުންނާއި، އޭދަފުށީގައި މަސައްކަތްކުރާ ފުލުހުން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ބ. ތުޅާދޫގައި އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
އެ އޮޕަރޭޝަނުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



