ރައީސް ޔާމީން - ފޮޓޯ: މިހާެރު

ރައީސް ޔާމީން މާލެ ގެނެސްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލެ ގެނެސްފިއެވެ.

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީން މާލެ ގެނެސްފައިވާކަން ކަރެކްޝަންސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއަދު ހެނދުނު އެމަނިކުފާނު މާލެ ގެނެސްފައިވާއިރު، މަޢުލޫމާތު ލިބިފައިވާގޮތުގައި މިވަގުތު އެމަނިކުފާނު ހުންނެވީ ފުލުހުންގެ މައި އިދާރާގައެވެ.

ރައީސް ޔާމީން މާލެ ގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރަން ކަމަށާއި، ތަހުގީގަށް ސުވާލުކޮށް ޔާމީންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ރައީސް ޔާމީން މާލެ ގެނައިއިރު، އެމަނިކުފާނުގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް އިތުރު ތަހުގީގެއް ހިންގަން އުޅޭ ކަމުގެ ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއްވެސް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ.

ރައީސް ޔާމީންގެ ޞިއްހީ ހާލަތު ހުރިގޮތުން ރަަމަޟާން މަހަށް ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއި ކަރެކްޝަންސްގައި އެދިލައްވާފައެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞޯލިޙް ވިދާޅުވީ، "ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ" ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރުމާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށް ކުޑަތަންވެފައި ވަނިކޮށް ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން މެދުވެރިކޮށް ދެއްކި ކުރު މެސެޖެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރިންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި، މާތްﷲ ގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، ދިވެހި ރައްޔިތުންނާ ބައްދަލުކުރާނީ މައުސޫމު މީހެއްގެ ގޮތުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ