އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށް ވާއިރު، ސަޤާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށަށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމުގައި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ދުނިޔެގެ ތަރިކައިގެ ދުވަހުގެ މުނާޞަބަތުގައި ދެއްވި މެސެޖެއްގައެވެ.
އެގޮތުން ޔުމްނާ ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއްކަމަށާއި ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އާސާރީ ތަންތަނާއި ތަކެތި އޮޅުންފިލާނޭހެން މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފަވައިވާ ކަމީ އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށެވެ.
ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާކަމަށާއި، ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިނާތަކާއި، އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް، އަދި އަތޮޅަކަށްވެސް ޚާއްސަ ސިފަތާއިއެކުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށާއި، މި ފަދަ ބިނާތަކާއި ސަރަހައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަ ވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަނާއި ތަކެތިކަމަށެވެ.
ޔުމްނާ އިތުރަށް ވިދާޅުވެފައި ވަނީ މި ފަދަ ބިނާތަކާއި ސަރަހައްދުތަކީ ރަށުގެ ނުވަތަ އަތޮޅުގެ ކުރިމަގު ބިނާ ކުރާއިރުވެސް މުހިންމު ތަންތަނާއި ތަކެތިކަމަށާއި، އެއީ ފަތުވެރީން ބަލައިލަން ބޭނުންވާނެ ބިނާ ތަކާއި، ސަރަހައްދުތަކާއި ތަކެތިކަަމަށެވެ.
އެގޮތުން އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށް ވާއިރު، ސަޤާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށަށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޔުމްނާ ވަނީ ދެއްވާފައެވެ. އަދި ދުނޔޭގައި ދިވެހިރާއްޖެއަށް ރީތި ނަން ލިބިގެން ދާނެކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުންކަމަށާއި، އޭގެ އިތުރުން ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށަށް ފައިދާތައް ލިބި ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އަހަމިއްޔަތުކަން އިތުރުކުރެވިދާނެކަމަށެވެ.
"އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީއަށް ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަކީ މުހިންމުކަމެއް" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
އަދުގެ ދުނިޔޭގައި އާދަކާދައާއި ސަގާފީ ތަރިކައަކީ އަގުބޮޑު 'މުދަލެއް' ކަން ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުން މުހިންމުކަމަށާއި، އެހެންކަމުން ސަގާފީ ތަރިކަ ދަފްތަރުކޮށް، ރައްކާތެރިކޮށް، އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ސަގާފީ ތަރިކައަށް ހޭލުންތެރި ޖީލެއް ބިނާކުރުމަކީ އެންމެނެގެ ޒިންމާއެއް ކަމުގައި ހަދައި އެންމެންގެ ބައިވެރިވުމާއެކީ ގުޅިގެން މިކަން ކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "މުއްސަނދި މާޒީތަކަކުން: ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕްލެކްސް ޕާސްޓްސް: ޑައިވަރސް ފިއުޗަރ" އެވެ.




