ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ޔާމީންގެ ފިކުރު ނައްތާނުލެވޭނެކަން ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސާބިތުކޮށްދީފި: އަދުރޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފިކުރު ނައްތާނުލެވޭނެކަން މިމަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސާބިތުކޮށްދީފިކަމަށް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުން އެކަން ސާބިތުކޮށްދީފައިވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައި އަދި ރައީސް ޔާމީންގެ ޕާޓީގައި ތަޅު އަޅުވައިފައިވަނިކޮށްކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި ބާއްވާފައި، ރައީސް ޔާމީންގެ ޕާޓީގައި ތަޅު އަޅުވައިގެން ސަރުކާރުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ރައީސް ޔާމީންގެ ފިކުރު ނައްތާނުލެވޭނެކަން ދިވެހި ލޮބުވެތި ރައްޔިތުން މިވަނީ ސާބިތުކޮށްދީފަ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ވަގުތެއްގައި ރައީސް ޔާމީންވަނީ މާލެ ގެނެސްފައެވެ. މިއަދު ހެނދުނު އެމަނިކުފާނު މާލެ ގެނެސްފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގެ ބަޔާނެއް ނެގުމަށެވެ.

މިމަހު 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ވެރިރަށް މާލެއިންނެވެ. އެގޮތުން 11 އަހަރަށްފަހު ޕީޕީއެމްއިންވަނީ މާލޭގެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަތުން އަތުލާފައެވެ. އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވަނީ ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓު އަނަސް ބަލިކުރެއްވުމަށްފަހުގައެވެ.

އަދި އެމްޑީޕީއަށް ތާޢީދުކޮށްގެން 11 އަހަރު ހުރުމަށްފަހު މާލެ ރައްޔިތުން ބަދަލެއް ބޭނުންވީ ރައްޔިތުން ބޭނުންވާ ކަންކަން މާލޭ ސިޓީ ކައުންސިލަށް ނުކުރެވޭތީކަމަށް އިދިކޮޅު ލީޑަރުން ސިފަކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ