މިމަހު ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންނަށް ފުރިހަމަ ފުރުޞަތު ދިންނަމަ ސަރުކާރު ލަދު ގަންނުވާލާނެ ނަތީޖާއެއް ނެރެވުނީސްކަމަށް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިޚާބަށް ކެމްޕޭނު ކުުރުމުގެ ފުރިހަމަ ފުރުޞަތު އިދިކޮޅު ކޯލިޝަންއަށް ނުލިބޭކަމަށާއި، އެފުރުޞަތު ފުރިހަމައަށް ލިބުނު ނަމަ އަދުގެ ސަރުކާރު ލަދު ގަންނުވާލާނެ ނަތީޖާއެއް ނެރެވުނީސްކަމަށެވެ.
އަދުރޭ ވިދާޅުވީ، ހަމަހަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވިނަމަ އަދި މިއަށްވުރެ ބޮޑަށް ރައްޔިތުންގެ ނިންމުން ފެނިގެން ދިޔައީސްކަމަށެވެ. ވާދަވެރި ސިޔާސީ ޕާޓީއަށް ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދޭން އަތޮޅުތަކަށް ދާނެ ފުރުޞަތު ސަރުކާރުން ނުދޭއިރު، ޕާޓީއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓާފައިވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދި އަދުރޭ ވިދާޅުވީ ލޯޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާފައިވަނީ އިދިކޮޅު ކޯލިޝަންގައި ތަޅު އެޅުވުމަށްފަހުގައި ކަމަށާއި، ޕާޓީގެ ފައިސާ ދީ އަތޮޅުތަކަށް ކެމްޕޭނު ކުރުމުގެ ފުރުޞަތު އިދިކޮޅު ކޯލިޝަނަށް ދިންނަމަ ސަރުކާރުގެ ވެރިންނަށް ގެއިން ބޭރަށް ނުކުންނަންވެސް ނުކެރޭވަރުގެ ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހުނީސްކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފިކަމަށާއި، މިއަދު ސަރުކާރު އިސްތިއުފާ ދޭންޖެހޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބުނެދިނީ އަނިޔާވެރިކަމާއި، ޤައުމު އަޅުވެތިކުރުމާއި ދެކޮޅު ކަމަށާއި އިސްލާމްދީން ނޫން އެހެން ދީނެއް ބޭނުން ނޫންކަމަށާއި، އަންނަ އޮތް ޖީލުތަކަށް ދަރަނިވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގެންދަން ބޭނުން ނޫންކަމަށާއި އަދި މިޤައުމުގައި ހިންގަންވާނީ ދިވެހިންގެ ބާރުކަމަށްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވަރަށް ގިނަ ވާހަކަ ތަކެއް ބުނެދީފި." އަދުރޭ ވިދާޅުވިއެވެ.



