މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފަިއވާ ފަތުރުވެރިންގެ އަދަދު 360،000 އަށް ވުރެ ގިނަ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވަ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 360،598 ފަތުރުވެރިޔަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިއީ 2020 ވަނަ އަހަރުގެ މިހާހިސާބަށް ރާއްޖެ ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންނާއަޅާ ބަލާއިރު 22،164 ފަތުރުވެރިންގެ ދައްވުމެކެވެ. އަދި 2019 ވަނަ އަހަރާ އަޅާބަލާއިރު 223،891 ފަތުރުވެރިންގެ ދައްވުމެކެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްކަމުގައި ވީނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ކޮވިޑް-19 އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެގޮތުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2020 ވަނަ އަހަރު މިއަދަދު ވަނީ 555،494 އަށް ވެއްޓިފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވަ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 92،103 ފަތުރުވެރިންނެވެ. އަދި ފެބުރުވަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ ޒިޔާރްތްކޮށްފައިވާއިރު، މިއަހަރުގެ މާރިޗު މަހު 109،585 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
މީގެ އިތުރުން މި މަހުގެ މިހާތަނަށް 62،028 ފަތުރުވެރިޔަކު ވަނީ ރާއްޖެޒިޔާރަތް ކޮށްފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު އާންދަނިއެއް ލިބޭ ސިނާއަތެވެ. މީގެ އިތުުރުން ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާވެސް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި އަސަރާއި އެކު ރާއްޖޭގެ އިޤްތިޞާދުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.