މިދިޔަ ފެބްރުއަރީ މަހު ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށްތެރޭގައި ދިމާވި މައްސަލަތަކެއްގައި އޭޑީކޭ ގައި ނިޔާވި ގއ. މާމެންދޫ ސަލްމާ ނަސީރުގެ ފުރާނަ ސަލާމަތްކުރުމަށް ހުރިހާ މަސައްކަތެއް ކޮށްފައިވާކަމަށް އޭޑީކޭއިން ބުނެފިއެވެ.
ސަލްމާ ނިޔާވުމުގައި އޭޑީކޭގެ އިޙުމާލެއް އޮތްކަމަށް އަޑުފެތުރެމުންދާ މިދަނޑިވަޅުގައި އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަލްމާ އެ ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން ފަރާތްތަކެކޭވެސް އެއްގޮތަށްކަމަށާއި، އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮ
އެއްގޮތަށްކަމަށެވެ.
އެގޮތުން ވިހެއުމަށްފަހު އާންމުކޮށް ލޭއަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަ ކުރެވިގެން އެކަމާއި ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ވާނީ ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެޑީކޭއިން ބުނެއެވެ. އަދި ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭހާއި ގައިނަކޮލޮޖިކަލް ފަރުވާތަށް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެކަމަށާއި، ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭއަޅަން ފަށާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ނަމަވެސް ޕޭޝަންޓްގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާ ކުރުމަށް ޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަންވެސް ކޮށްފައިވާނެކަމަށާއި، އަދި ލޭއެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް ކުރެވުނު މަސައްކަތްތަކާއެކުވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ސަލްމާ ކާޑިއެކް އެރެސްޓަކަށް ދިޔައީކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
" ކާޑިއެކް އެރިސްޓާއި ގުޅިގެން ސީޕީއާރ ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައި." އޭޑީކޭގެ ބަޔާނުގައި ވެއެވެ.
އޭޑީކޭއިން ބުނި ގޮތުގައި ސަލްމާގެ ފަރުވާ ކުރިއަށް ދިޔަ އިރު ހާލަތާއި ގުޅޭ މަޢުލޫމާތާއި ދެވެމުންދާ ފަރުވާގެ މަޢުލޫމާތު ވަގުތުން ވަގުތަށް އާއިލާއާވަނީ ޙިއްސާކޮށްފައެވެ.
އަދި އެ ހޮސްޕިޓަލުގައި ސަލްމާއަށް ފަރުވާދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތަށް ފަރުވާތެރިކަމާއެކު ދީފައިވާކަމަށާއި، މިކޭސް ރިވިއު ކުރުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ކިއު.އައި.ޑީން ބޭނުންވި ހުރިހާ މަޢުލޫމާތާއި އެއްބާރުލުން މި ހޮސްޕިޓަލުން ދީފައިވާނެކަމަށްވެސް މިބަޔާނުގައި ވެއެވެ.
ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދައްކުރެވިފައެވެ. ނަމަވެސް މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ކާމިޔާބު ނުވުމަކީ ހާލަތްތަކުގައި ވާކަމެކެވެ.
ސަލްމާ ނިޔާވުމުގެ ހިތާމައިގައި އޭޑީކޭއާއި އޭޑީކޭގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ހިނދު މިފަދަ ހިތާމަވެރި ހާދިޘާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަން އާއިލާއަށާއި އޭޑީކޭއިން ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް އެހޮސްޕިޓަލުންވަނީ ދީފައެވެ.
"އަޅުގަނޑުމެންގެ ދުޢާއަކީ އާއިލާއަށް ކެތްތެރިކަން ދެއްވައި ސަލްމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމެވެ." އޭޑީކޭގެ ބަޔާނުގައި ވެއެވެ.
https://feshun.wonstasite.com/119278




