މިދިޔަ ފެބްރުއަރީ މަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަން އޭނާގެ ފިރިމީހާ އިބްރާހީމް އަދުހަމުގެ ފަރާތުން ފުލުހުންނަށް ހުށަހަަޅައިފިއެވެ.
އެޑްވޮކަސީ ޗެމްބާސްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލްމާ މަރުވި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ހާދިސާގައި އޭޑީކޭގެ މުވައްޒަފުންގެ އިހްމާލު އޮތް ކަމަށް ފެންނާތީ ޖިނާއީ ތަހުގީގެއް ކުރުމަށްކަމަށެވެ.
ސަލްމާގެ މަރުގެ ހާދިސާ ހިނގާދިޔަގޮތް ބެލުމަށް އާއިލާގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ހުށަހަޅާފައިވާއިރު، މިނިސްޓްރީ އިން އެކަން ހިނގިގޮތް ބެލި ބެލުމުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ސަލްމާއަށް ފަރުވާ ދިނުމުގައާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައި ނުވާކަމަށް މިނިސްޓްރީ އިން ބަޔާންކޮށްފައިވެއެވެ.
އެގޮތުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައިނުވުމާއި، އަދި ބަލިމީހާގެ ހަށިގަނޑުން ލޭފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމާއި އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއްވެފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ސަލްމާ ނިޔާވެފައިވަނީ ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށްތެރޭގައި ދިމާވި މައްސަލަތަކެއްގައި ފެބްރުއަރީ 3، 2021 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ.
އަދި މިތުޙުމަތު ތަކާއި ގުޅިގެން އޭޑީކޭއިން ބުނެފައިވަނީ ސަލްމާގެ ފުރާނަ ސަލާމަތްކުރުމަށް ހުރިހާ މަސައްކަތެއް ކުރެވުނު ކަމަށާއި، ސަލްމާ އެ ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން ފަރާތްތަކެކޭވެސް އެއްގޮތަށްކަމަށާއި، އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮ
އެއްގޮތަށްކަމަށްވެސް އޭޑީކޭއިންވަނީ ބުނެފައެވެ.
ސަލްމާ ވިހެއުމަށްފަހު އާންމުކޮށް ލޭއަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަ ކުރެވިގެން އެކަމާއި ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ވާނީ ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެޑީކޭއިން ބުނެއެވެ. އަދި ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭހާއި ގައިނަކޮލޮޖިކަލް ފަރުވާތަށް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެކަމަށާއި، ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭއަޅަން ފަށާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ނަމަވެސް ޕޭޝަންޓްގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާ ކުރުމަށް ޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަންވެސް ކޮށްފައިވާނެކަމަށާއި، އަދި ލޭއެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް ކުރެވުނު މަސައްކަތްތަކާއެކުވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ސަލްމާ ކާޑިއެކް އެރެސްޓަކަށް ދިޔައީކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
" ކާޑިއެކް އެރިސްޓާއި ގުޅިގެން ސީޕީއާރ ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައި." އޭޑީކޭގެ ބަޔާނުގައި ވެއެވެ.
ސަލްމާގެ މަރުގެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ސަލްމާ މަރުގެ ބަދަލު ހޯދަން ދަޢުވާކުރުމަށްވެސް އޭނޭގެ ފިރިމީހާގެ ފަރާތުންވަނީ ނިންމާފައެވެ.




