ޓްވިޓްސާފު: ޖޯޝުގައި ނިކުމެ ހުޅުމާލޭގެެ ގޮނޑުދޮށް ސާފުކޮށްލައިފި

ޓްވިޓަރގައި ހަރަކާތްތެެރިވާ ދިވެހިން އިސް ނަގައިގެން "ޓްވިޓްސާފު" ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ހިންގައި ހުޅުމާލެ ގޮނޑުދޮށް ފިސާރި ސާފުކޮށްލައިފިއެވެ.

ދުއިސައްތަ ފަންސާހަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ހިތްގައިމު ހަރަކާތުގެ މޭސްތިިރިއަކީ ސިޔާނާ މުޚައްމަދު ޞޯލިހު (ނާ ސޯލިހު) އެވެ.

ހަރަކާތުގެ ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: މީސްމީޑިއާ

އަންހެން ކަނބަލުން އިސްނަގައި ކުރިއަށް ގެންދިޔަ މި ފުރިހަމަ އަދި އެހާމު މުހިންމު ހަރަކާތުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ.ހުސައިން ރަޝީދުވެސް އަމަލީ ގޮތުން ބައިވެރިވެ ވަަޑައިގެން ވަނީ މިސާލު ދައްކަވާފައެވެ.

ހަރަކާތުގެ ަބއިވެރިން ސާފުކުރުމުގައި - ފޮޓޯ: މީސްމީޑިއާ

އަންހެން ފިރިހެން، ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ ހުޅުމާލޭގެ ބާބަކިޔު ސަރަހައްދުގެ ގޮނޑުދޮށުން ފެނިގެން ހުުޅުމާލޭގެ ޓޫރިސްޓް ބީޗާއި ހަމައަށް ސާފުކުރި މި ހަރަކާތުގެ ބައިވެރިން ވަނީ 1.38 ޓަނުގެ ކުނި ނަގާފައިވެއެވެ. ނެގި ކުނީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކާއި، ދަޅު ހިމެނެއެވެ.

ހަރަކާތް ކުރިއަށް ދިޔައިރު މުނިފޫހިފުލުވުމުގެ ހަރަކާތްތްއް ކުރިއަށްދަނީ - ފޮޓޯ: މީސްމީޑިއާ

ސާފުކުރުމުގެ ކާމިޔާބު މި ހަރަކާތް މިހާ ފުރިހަމައަށް ކުރިއަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން މި ހަރަކާތް އިންތިޒާމްކުރި ފަރާތްތަކަށް ލިބިފައިވެއެވެ. އެގޮތުން ހަކަކާތް ކުރިއަށް ދިޔަ ވަގުތު ޒަކިއްޓޭ، އަމާން، ކޮކީ މޫޝާން އަދި ޝަހުދާން ފަދަ ލަވަކިޔުންތެރިން ވަނީ ހުޅުމާލޭ މައި ބަސް ސްޓޮޕް ކައިރީގައިވާ ރުއްގަނޑު ސަރަހައްދުގައި ޕާފޯމްކޮށްފައެވެ.

ހަރަކާތުގެ ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: މީސްމީޑިއާ

މީގެ އިތުރުން ޕިއްޒާ ބޯނާގެ ފަރާތުން ހަރަކާތުގެ ބައިވެރިންނަށް ހިލޭ ޕިއްޒާ ފޯރުކޮށްދީފައިވާއިރު، މި ހަރަކާތުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޕުރައިވެޓް ކުންފުނިތަކުންވެސް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ.

ސާފުކުރުމުގެ ބައިވެރިން ބްރީފިންގައި - ފޮޓޯ: މީސްމީޑީއާ

ތިމާވެށި ހިމާޔަތްކޮށް، ރާއްޖޭގެ ގޮނޑުދޮށްތަކާއި ހިތްފަސޭހަ މާހައުލުތައް ސާފުޠޯހިރު ތަންތަނުގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފަރުދީ ޒިންމާ އަދި އިޖުތިމައީ ރޫހަކީ މުހިންމު ކަމެކެވެ. މި ސަޅި ހަރަކާތުން މި ޒުވާނުން މިވަނީ މުޅި ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް ނަމޫނާ ދައްކާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ