ފާއިތުވި 2020 ވަނަ އަހަރު ގެވެށި އަނިޔާގެ 615 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
"ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު" އަށް 9 އަހަރު ފުރުމާއި ދިމާކޮށް އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ގެވެށި އަނިޔާއަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު އިޖުތިމާއީ މައްސަލައެއްކަމަށާއި، އަދި ވޭތުވެދިޔަ އަހަރުތަކުގެ އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އެވްރެޖްކޮށް އިތުރުވެފައިވާކަން ފާހަގަވާކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ އަހަރުގެ ތަފާސްހިސާބު ދައްކާ ގޮތުގައި، ޖުމްލަ 615 ގެވެށި އަނިޔާގެ މައްސަލަ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ނިސްބަތުން ގިނައީ އަންހެނުންނާއި އަންހެންކުދިންނަށް ގެވެށި އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އެގޮތުން 184 އަންހެންކުއްޖަކަށާއި 432 އަންހެނުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވެއެވެ. އަދި 102 ފިރިހެންކުދިންނާއި 91 ފިރިހެނުންވެސް ގެވެށި އަނިޔާ ލިބިގެން އެއޮތޯރިޓީއަށް މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
2020 ވަނަ އަހަރު އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެވެށި އަނިޔާގެ އެއްބާވަތަށް ވުރެ ގިނަބާވަތުގެ އަމަލު ހިމެނޭ މައްސަލަތަކެވެ. އެގޮތުން، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މިބާވަތުގެ ޖުމްލަ 453 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރާ މައްސަލައެވެ. އޭގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 369 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން، ބިރުދެއްކުމުގެ 315 މައްސަލަ، ޖިންސީ އަނިޔާ ކުރުމުގެ 150 މައްސަލަ، ގޯނާ ކުރުމުގެ 168 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެންދިއުން ނުވަތަ ހުށަހެޅުމުގެ 146 މައްސަލައެއް ހިމެނެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވެފައިވަނީ 23 އޭޕްރިލް 2012 ވަނަ ދުވަހުއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވެފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރާ ބެލެނިވެރި މުއައްސަސާގެ ހައިސިއްޔަތުން، އޮތޯރިޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންޒީފުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.




