ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރަމުންދާ “16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް” ހަރަކާތާއި ގުޅިގެން ލ. މާމެންދޫގެ ކަނބަލުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެދުމުގެ މަތިން މާމެންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މިސެޝަންގައި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ގެވެށި އަނިޔާއަކީ ކޮބައިކަމާއި އެފަދަ މައްސަލަތައް ރިޕޯޓްކުރުމުގެ މުހިންމުކަމާއި ގެވެށި އަނިޔާގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މި ސެޝަންގައި ބައިވެރިވި އަންހެން ކަނބަލުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފުލުހުންގެ ދައުރު ސާފުކޮށްދީ މައުލޫމާތު ދީފައިވެއެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރަމުންދާ “16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް” ހަރަކާތް ކުރިއަށް ދަނީ ނޮވެމްބަރ 25 އިން ޑިސެމްބަރ 10 އަށެވެ




