އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޖޫންމަހު އެކަނިވެސް 192 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލަ ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ 27 މައްސަލައެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 18 މައްސަލައާއި، އިހުމާލުވުމުގެ 13 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން، ނަފްސާނީ ހާނިއްކައިގެ 8 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ގަނާގެ ޝިކާރައަކަށްވުމުގެ 6 މައްސަލައާއި، ބްލެކްމެއިލްކުރުމުގެ 4 މައްސަލަވެސް ހުށަހެޅިފައިވެއެވެ.
އިޖުތިމާޢީ ވުޒާރާގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖޫންމަހު ޖުމްލަ 1,966 ކޯލް ލިބިފައިވާއިރު، މީގެތެރެއިން 1,433 ކޯލަކީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތަކެވެ. އަދި 45 ކޯލަކީ ކުޑަކުދިން އަމިއްލައަށް ކޮށްފައިވާ ކޯލްތަކެވެ.
ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 148 ކުދިން ތިބިއިރު، އޭގެތެރޭގައި ހިމެނެނީ 80 ފިރިހެން ކުދިންނާއި 68 އަންހެން ކުދިންނެވެ. އެމަހު ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް 2 ކުއްޖަކު ނަގައި، 1 ކުއްޖަކު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ.



