ކަން ހިނގަމުންދާ ގޮތް ޖީނާއާއި ޒަހާއަށް އެނގެންފެށި ހިސާބުން އަރުޝަމްއާ ދުރަށް ދިއުމަށް އެމީހުން ނަސޭހަތްތެރިވިއެވެ. އެފަދަ ގުޅުމަކުން ކުރިމަގުގައި ރަނގަޅު ނަތީޖާއެއް ނުފެންނާނެކަމުގައި އެމީހުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ޖަންނަތުގެ ކަންފަތް އޭރު ހުރީ ބީރުވެފައެވެ. އެންމެ ފަހުން ދެންވީ ޖަންނަތު ވާން އެންމެ ބޭނުންނުވި ކަންތަކެވެ.
ސީމާގެ ކަންފަތަށް ޚަބަރު އެރި ނޭރި ގޮތެއްވެސް ނޭނގެއެވެ. އޭގެ ދެދުވަސް ފަހުން ދެން ފެނުނީ ހުސްނާ އައިސް ގެއަށް ވަތް ތަނެވެ. ޖަންނަތު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަރުޝަމްގެ ލޯބީގައި ކިތަންމެ ވަރަކަށް ޣާފިލުވެފައި ހުރި ނަމަވެސް މަންމަ އޭނާ އެހާ ހިސާބަށް ގެނަސްދިނުމަށްޓަކައި ވެފައިވާ ޤުރުބާނީ ޖަންނަތު ހަނދާނެއް ނުނެތެއެވެ.
"މަންމައަށް އެނގޭ ދަރިފުޅުވެސް ލޯބިވާތީކަން އަރުޝަމްއާ ގުޅިގެން ތިއުޅެނީ. އެކަމަކު އަރުޝަމް ކަންތައްކުރާ ގޮތުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް އަސަރުކުރަންޏާ އެއީ ރަނގަޅުކަމެއްހެން ދަރިފުޅަށް ހީވޭތަ؟ މިއޮއްހާ ދުވަހު ތި ކުރި ބުރަ މަސައްކަތް ފެނަށް ވެގެން ދާން ދަރިފުޅު ބޭނުންވޭތަ؟ ދަރިފުޅު ތިޔަ ކިޔަވަނީ ހުސްއެކަނި މަންމަމެން ބޭނުންވާތީކީ ނޫން. ޑޮކްޓަރަކަށް ވުމުގެ ހުވަފެން ފުރަތަމަ ދެކުނީ ހަމަ ދަރިފުޅު." ހުސްނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ގަދަ ބާރުން އެއްވެސް ކަމެއް ނުކުރެވޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބެލީ ވީހާވެސް ލޯބިން ޖަންނަތަށް ވިސްނައިދެވޭތޯއެވެ.
ހުސްނާ ވާހަކަ ދައްކަމުން ދިޔައިރު ޖަންނަތު އިނީ ކުށްވެރިއަކުފަދައިން އިސްދަށަށް ޖަހާލައިގެންނެވެ. މަންމަ ދައްކަމުން ދިޔަ ވާހަކަތައް ޖަންނަތަށް އަޑުއިވެއެވެ. އަދި އެއީ ރަނގަޅު ވާހަކަތަކެއްކަން އޭނާއަށް ޤަބޫލުވެސްކުރެވެއެވެ. ނަމަވެސް އުނދަގޫކަމަކީ އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދިނުމެވެ.
"މަންމަ ނުބުނަމޭ ދަރިފުޅު އަރުޝަމްއާ ރުޅިވާށެކޭ. އެކަމަކު ކިޔަވާ ނިމެންދެން އިހަށް ދެކުދިން ދުރުވެލަން މަންމައަށް ފެނޭ. އޭރުން ކިޔަވާ ހަމަ ނިމޭ ގޮތަށް ކައިވެނިކޮށްދޭންވެސް މަންމަމެން މިތިބީ ތައްޔާރަށް. މަންމަ ބޭނުން އަރުޝަމްއާވެސް މިވާހަކަތައް ދައްކަން." ހުސްނާ ބޭނުންވާ ގޮތް ޖަންނަތުގެ ކުރިމަތީގައި ހާމަކުރިއެވެ. ނަމަވެސް އެވާހަކަތައް އަރުޝަމްގެ ކަންފަތަށް އިއްވާނެ ގޮތެއް ޖަންނަތަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ސަބަބަކީ އަރުޝަމްއަށް އޭނާއާ ދުރުގައި ހުންނަންވެއްޖެނަމަ ދެން ވާނެގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު ޖަންނަތު ނިންމީ އަމިއްލައަށް އެވާހަކަތައް ދެއްކުމުގެ ބަދަލުގައި މަންމަގެ ދުލުން އަރުޝަމްއަށް އެވާހަކަތައް އިއްވުމަށެވެ.
ޖަންނަތު ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރީ ބޮލުގައި ފުނާ އަޅާށެވެ. އޭރު ބަދިގެ ފަރާތުގައި ތަށިތައް ތަޅުވާ އަޑު އިވެމުން ދިޔައެވެ. ރޭގަނޑުގެ ކެއުމަށް މަންމަ ދަޢުވަތުދިން ވާހަކަ އަރުޝަމް ކައިރީގައި ބުނުމުން ވަރަށް ގިނަ ސުވާލުކުރިއެވެ. ނަމަވެސް މަންމަ ދެއްކި އެއްވެސް ވާހަކައެއް ޖަންނަތު އަރުޝަމްއާ ހިއްސާއެއް ނުކުރެއެވެ. ހަމައެކަނި ބުނިހާވެސް އެއްޗަކީ މަންމަ އަރުޝަމްއާ ބައްދަލުކޮށްލަން ބޭނުންވާކަމެވެ.
ބޭރުގައި ހުރިކަމަށް ބުނެ އަރުޝަމް މެސެޖު ކުރުމާއެކު ތެޅިތެޅި އޮތް ހިތަކާއެކު ޖަންނަތު ގޮސް ބޭރު ދޮރު ހުޅުވާލިއެވެ. އޭރު އަރުޝަމް ހުރީ މަގުގެ އަނެއް ފަރާތުގައެވެ. ޖަންނަތު ދޮރު ހުޅުވާލިތަން ފެނިގެން އަރުޝަމް އަވަސްއަވަހަށް ޖަންނަތު ކައިރިއަށް އަޔެވެ.
"މަންމަ ހުރީ ހިތްހަމަނުޖެހިފަތަ؟" އަރުޝަމްގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ. ގިނަ ދުވަސްދުވަހު ހިނިތުންވެފައި ހުރެ ޖަންނަތާ ބައްދަލުކުރާ މީހާގެ މޫނުމަތިން މިރޭ ފެންނަމުންދިޔައީ ހާސްކަމެވެ.
"ނޫން. އޯކޭވާނެ. އާދޭ." އަރުޝަމް ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ޖަންނަތު ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ.
ޖަންނަތުގެ ފަހަތުގައި ހުރެގެން ބަސްއަހާ ކުޑަކުއްޖަކުފަދައިން އަރުޝަމް ގޭތެރެއަށް ވަނެވެ. އޭރު ސިޓިންގ ރޫމްގައި ހުރި ސޯފާތަކުގައި އަށެއްގެ ޚަބަރު ބަލަން ސީމާއާއި ހުސްނާ ތިއްބެވެ. ޖަންނަތާ އަރުޝަމް ވަތްތަން ފެނިފައި ހުސްނާގެ ނަޒަރު އެދެމީހުންނާ ދިމާއަށް ބަދަލުކޮށްލިއެވެ. ސީމާވެސް ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ރިމޯޓު ނަގާ ޓީވީގެ އަޑު މަޑުކޮށްލިއެވެ.
"ހިނގާ އިހަށް ކާން ދާން ދޯ." ހިނިތުންވެލަމުން ހުސްނާ ވާހަކަދެއްކިއެވެ. ވަކި އެއްޗެއް ނުބުނި ނަމަވެސް އަރުޝަމްއަކީ ރީތި ފިރިހެން ކުއްޖެއްކަން ހުސްނާއަށް ފާހަގަކުރެވުނެވެ. އަދި ފެންނަ ފެނުމަށް ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެއްވައްތަރުވެސް ޖެހިއެވެ.
ހުސްނާ ތެދުވެލުމާއެކު ކުރިއަށް ޖެހިލާފައި އަރުޝަމް އަތުގައި އޮތް ޕާރުސަލެއް ހުސްނާއާ ދިމާއަށް ދިއްކޮށްލިއެވެ. އަދި އިތުރު ޕާރުސަލެއް ސީމާއަށްވެސް ދިއްކޮށްލިއެވެ.
"މިއީ އަހަރެންގެ ފަރާތުން ޖަންނަތުގެ މަންމައަށާ ދައްތައަށް ދޭ ހަދިޔާއެއް." މަޑުމައިތިރިކަމާއެކު އަރުޝަމް ބުންޏެވެ. އެވަގުތު ހުސްނާއާ ސީމާ އެކަކު އަނެކަކާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ހީވާކަހަލައެވެ. އެއީ އެމީހުންނަށް އައުކަމެއް ނޫނެވެ. އަންހެން ކުއްޖަކު ބޭނުންވެގެން އުޅޭ ފިރިހެންކުދިން އަންހެން ކުއްޖާގެ ޢާއިލާ ރުއްސުމަށްޓަކައި ހަދިޔާބަދިޔާ ދިނުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.
ސުފުރާމަތީގައި މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ދޭތެރެއަކުން ސީމާ ނޫނީ ހުސްނާ ކޮށްލާ ސުވާލަކަށް އަރުޝަމް ކުރުކުރު ޖަވާބުދެމުންދިޔައެވެ. އަރުޝަމްގެ ޢާއިލާގައި ތިބޭ މީހުންގެ މަޢުލޫމާތާއި އަރުޝަމްގެ ވަޒީފާއާއިބެހޭ އާދައިގެ ވާހަކަތަކެވެ. ޖަންނަތު އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލައިގެން އިނދެ ކައި ނިންމާލިއެވެ. އެންމެން ކައި ނިމުމުން ދެން ނުކުތީ ސިޓިންގ ރޫމަށެވެ. ސޯފާގައި ރަނގަޅަށް ހަމަޖެހިލާފައި ފުރަތަމަ ވާހަކަދައްކަން ފެށީ ހުސްނާއެވެ.
"މަންމައަށް އެނގޭ ތި ދެކުދިންވެސް އެއްކުއްޖަކު އަނެއްކުއްޖަކު ދެކެ ލޯބިވާކަން. އެއީ މައްސަލައެއް ނޫން. އެކަމަކު އަރުޝަމްއަށް އެނގޭ ދޯ ޖަންނަތަކީ ނިކަމެތި ޢާއިލާއެއްގެ ކުއްޖެއްކަން. ޖަންނަތުގެ ބައްޕަ މިދުނިޔެއަކު ނެތް. ޖަންނަތު ބޭނުންވާ ހިސާބަކަށް ކިޔަވައިދިނުމަށްޓަކައި މަންމައާ ޖަންނަތުގެ އެއްބަނޑު އެއްބަފާ ދައްތަ އަދިވެސް މިދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން." އެހިސާބަށް ވާހަކަ ކުރިއަށް ގެންދިއުމަށްފަހު ހުސްނާ ކުޑަކޮށް މެދުކަނޑާލިއެވެ. މާޒީގެ ހުރިހާ ކަމެއް ހަނދާންވުމުން ކުޑަކޮށް ހިތުގައިޖެހޭގޮތްވީއެވެ. އެވަގުތު ހުސްނާ ބަލާލިއިރު ޖަންނަތުވެސް އިނީ ހުސްނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު އެ ދެލޯ ހުރީ ފެންކަޅިވެފައެވެ. އަރުޝަމްވެސް އިނީ ކަނުލާ ހުރިހާ ވާހަކައެއް އަޑުއަހާށެވެ.
"އަރުޝަމްއަށްވެސް އެނގިފަކަންނޭނގެ އޮންނާނީ މިހާރު ޖަންނަތުގެ ނަތީޖާ ދަށްވަމުންދާކަން. މަންމަ ނުބުނަން އެއީ އަރުޝަމްއާ ހެދި ވާގޮތެކޭ. އެކަމަކު އަރުޝަމްވެސް ތިއީ ކިޔަވައިގެން ހުރި ކުއްޖެއްވީމަ އެނގޭނެ އެމް.ބީ.ބީ.އެސް އަކީ ވަރަށް ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރަންޖެހޭ ކަމެއްކަން. އެހެންވީމަ އިތުރު ކަންކަމަށް ވަގުތު ދިނުމަކީ ބައެއްފަހަރު ނަތީޖާއަށް އަސަރުކުރާނެ ކަމެއް. އެހެންވެ މަންމަ ބޭނުންވީ އިހަށް ދެކުދިން ދުރުވެލަން. ޖަންނަތު ކިޔަވާ ހަމަ ނިމޭއިރަށް ކައިވެނި ކުރަންވީ. އޭގަ އެއްވެސް މައްސަލައެއް ނެތް." ޖަންނަތުގެ ކިޔެވުމަށް އަސަރުކުރާ މައިގަނޑު ސަބަބު ހުސްނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ހުސްނާ ބެލީ ވިސްނުންތެރިކަމާއެކު މައްސަލަ ޙައްލުކުރެވޭތޯއެވެ.
އެރޭ އަރުޝަމް ގެއަށް ދިއުމަށްފަހު އެއްވެސް ޚަބަރެއް ނުވެއެވެ. އަރުޝަމްގެ މިޒާޖު ހުންނަ ގޮތުން މަންމަ ދެއްކި ވާހަކަތައް އަރުޝަމް މާނަކުރާނެ ގޮތެއް ޖަންނަތުއަށް އެއްވެސް ވަރަކަށް އަންދާޒާކޮށްލާކަށް ނޭނގުނެވެ. އެކަމާ ޖަންނަތު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ދެން އަރުޝަމް ހަދާނީ ކިހިނެއްބާއެވެ؟ މަންމަ ދެއްކި ވާހަކަތައް އޭނާ މާނަކުރާނީ ކޮންގޮތަކަށްބާއެވެ؟
(ނުނިމޭ)