ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓާ - ފޮޓޯ:އަލީ ވިޝާމް

އައިޖީއެމް ހޮސްޕިޓަލުން ހަދަންންޖެހޭ ސީޓީ ސްކޭން ވަގުތީ ގޮތުން ޓްރީޓޮޕަށް

މިއަދު ހެނދުނު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން ހަދަން ޖެހޭ ސީޓީ ސްކޭންތައް ހެދުން ވަގުތީ ގޮތުން ހުޅުމާލޭ ގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިއަދު ހެނދުނު 10:07 އެހާކަށްހާއިރު އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެމްއެންޑީއެފަށް މައުލޫމާތު ލިބުނު އިރު، 10:21 އެމްއެންޑީއެފް އިން ވަނީ އަލިފާން ނިއްވާލާފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޫޕޫއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސިޓީ ސްކޭނަށް ކަރަންޓް ލިބެމުން ނުދާ ކަމަށެވެ. އަދި މިހާރު ސިޓީ ސްކޭނަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާތީ، އެ ހޮސްޓަލުން ހަދަން ޖެހޭ އެމަޖެންސީ ސީޓީ ސްކޭންތަށް ހެދުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

"ސީޓީ ސްކޭންތަށް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލި މީހުންގެ އެންމެހާ ކަންކަން ހަމަ ޖެއްސުމަށް، އާސަންދައާއި މި ހޮސްޕިޓަލުން ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ރާއްޖޭގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗުގައި އަލުން ސްޓީ ސްކޭން ހިދުމަތް ފެށޭނެ ދުވަހެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

މި ހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ އިމަރޖެންސީގެ ޔެލޯ ޒޯނަށާއި، ގްރީން ޒޯނަށާއި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަށް ދުމުގެ އަސަރުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންކަމުން އެވަގުތު ޔެލޯ ޒޯންގައި ފަރުވާ ދެވެމުން ދިޔަ 22 ބަލިމީހުން މީގެކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން ދިޔަ ސަރަޙައްދަށް ބަދަލުކޮށްފައިވާކަމަށާ ގްރީން ޒޯނުގެ މަސައްކަތް، ކުރީގެ އެތެރެހަށީގެ ބަލިތަކުގެ އޯ.ޕީ.ޑީ ހިނގަމުންދިޔަ ކޮޓަރިތަކަށް ބަދަލުކުރެވި ޚިދުމަތް ފެށިފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް