ހުޅުމާލެ މެޑިކަލް ފެސިލިޓީ: ފޮޓޯ - ހެލްތް މިނިސްޓްރީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީން ބޯފެން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަ އައިޖީއެމްއެޗް އިން ދޮގުކޮށްފި

ހުޅުމާލެ މެޑިކަލް ފެސިލިޓީ އިން ބޯފެން ހުސްވެފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދޮގުކޮށްފިއެވެ.

ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ހަދިޔާކުރި މިނަރަލް ވޯޓަރ އަކީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗް އިން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށާއި ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް ފެސިލިޓީ އިން ބޯފެން (މިނަރަލް ވޯޓަރ) ލިބޭނެ ކަމަށެވެ.

"ބައެއް ބަލިމީހުންގެ ޢާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓަރ ފޮނުވާ. ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހަދިޔާކުރި މިނަރަލް ވޯޓަރ ވަނީ ފެސިލިޓީއިން ބަލައިގަނެފަ. މި ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ޙަޤީޤަތެއް ނޫން." އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

އައިޖީއެމްއެޗް އިން އިތުރަށް ވިދާޅުވެފައިވަނީ، މި ފެން ފެސިލިޓީގެ ފަރާތުން ބަލައިގަނެފައިވަނީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެފައިވާތީ ނޫންކަމުގައްޔާއި މިފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހެޕީ މާކެޓްގެ ފަރާތުން މިނަރަލް ވޯޓަރ ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމުގައިވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ