އެމަޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެއެވެ.
އެއަންހެން މީހާ ވިހާފައިވަނީ އެމްބިއުލާންސްގެ ތެރެއަށެވެ. އަދި އެއަންހެންމީހާ ގެންދިޔަ އެމްބިއުލާސްގައި މާބަނޑު މީހަކަށް ފަރުވާއެއް ދެވޭނެ އެއްވެސް ވަސީލަތެއް ނެތްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
އެއަންހެން މީހާއަށް މިހާރު ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާއި ޙަވާލާދީ "ދަ ޕްރެސް" ގައި ބުނެފައިވަނީ، އެހާދިސާ ގުޅިގެން މީޑިއާގައި އެކި ވާހަކަތައް ދެކެވޭތީ އައިޖީއެމްއެޗްގެ މެޑިކަލް ޓީމުން އެކަންތައް ބަލަމުންދާ ކަމަށެވެ. އަދި އެއަންހެން މީހާ ގެނައީ އައިޖީއެމްއެޗްގެ އެމްބިއުލާސްގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށްވެސް އޮފިޝަލްވަނީ ވިދާޅުވެފައެވެ.
ދާދިފަހުން އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ކުޑަކުއްޖަކު މަރުވި މައްސަލައެއް ހިނގައިގެން އެ މައްސަލަ އަންނަނީ ބަލަމުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް އެޗްޕީއޭ އިން ދާދިފަހުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 65،868 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 41،779 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 23،909 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 197 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.
އަދި މިބަލީގައި ރާއްޖެއިން 171 މީހަކުވަނީ ނިޔާވެފައެވެ.
								
											

