ކޮވިޑް-19 އާއި ގުޅިގެން ލ. ގަމާއި ލ. ފޮނަދޫވެސް މޮނިޓަރިންއަށް ލައިފިއެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މި ދެރަށް މޮނިޓަރިންއަށް ލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން އެޗްއީއޯސީން ވިދާޅުވީ މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެވުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ކަމަށެވެ.
ފޮނަދޫ ކައުްނސިލްގެ ރައީސް އަޙްމަދު ރިޔާޒް މިނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ޕޮޒިޓިވްވި ކޭސްއަކާއި ޑައިރެކްޓް ކޮންޓެކްޓުން އެރަށުގައި ހުރުމުންކަމަށެވެ.
ލ. މާންދޫއާއި، ލ. ގަމުގެ އަވަށަކުން ވަނީ ކޮވިޑް-19 ފެނިފައެވެ. އެއާއި އެކު ލ. ގަންވެސް މިވަގުތު އޮތީ މޮނިތަރިންގެ ހާލަތަށް ގެނެވިފައެވެ.
އަޙްމަދު ރިޔާޒް ވިދާޅުވީ މި ކޭސްތަކާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާކަމަށާއި އެގޮތުން މިހާތަނަށް 8 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެފަރާތްތަކުގެ ސާމްޕަލް ނަގުމުގެ މަސައްކަތްތައް މިހާރު ކުރިޔަށް ދާކަމުގައިވެސް އަޙްމަދު ރިޔާޒް ވަނީ ވިދާޅުވެފައެވެ.
އެޗްއީއޯސީން ހާމަ ކުރައްވާފައިވާ ގޮތުގައި ލ. މާންދޫއިން 8 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އަތޮޅު ތެރޭގެ ގިނަ ރައްތަކަކުން ކޮވިޑް ފެންނަމުން އަންނަ އިރު މިހާރު އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މި ބައްޔަށް ޕޮޒިޓިވް 182 ފަރާތެއް އެބަހުއްޓެވެ. އަދި 20 ރަށެއް މިވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.