މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުއްޤައްޔޫމްގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމުގެ ޚަބަރު ލިބިފައިވާކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އެކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މާފުށީ ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަކަކާއި އޮފިސަރުން ތަކެއް ކޯވިޑް 19 އަށް ޕޮޒިޓިވްވި ކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާމެދު އެކޯލިޝަންގެ ކަންބޮޑުވާކަމަށާއި އަދި އެކަމުގެ ސާފު މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާކަމަށެވެ.
މީގެ އިތުރުން ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި ސިޔާސީ ނުފޫޒުން ޖަލުގެ ތޭރިތަކުގައި ނުޙައްޤުން އަނިޔާ ދެމުން ގެންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ކަންކަން ބަލަހައްޓަވާ އޮފިސަރެއް ހިމެނޭ ކަމުގެ މަޢުލޫމާތު އެކޯލިޝަނަށް ލިބިފައިވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކީ އެހާމެ ކަންބޮޑުވުން އިތުރުވާ ކަމެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވީ ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައިވަނިކޮށް މާފުށީ ޖަލުން ކޯވިޑް 19 ފެނި، ރައީސް ޢަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއް ކަމުގައި ޤަބޫލުކުރާކަމަށެވެ.
މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ޙައްޤު ނޫން ޙުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ 2 ވަނަ ރަމަޟާން މަސްމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
އެކޯލިޝަނުން ވަނީ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.
އެގޮތުން އެކޯލިޝަނުން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ސިއްޙީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލްމާތްކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
ހަމައެއާއެކު ރައީސް ޔާމިން ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވެސް ލަފާދެއްވާފައިވާތީ އެކަމަށްވެސް ރިޢާއަތް
ކޮށްދެއްވައި އެގޮތުގެ މަތީން ޢަމަލުކޮށްދެއްވުމަށްވެސް އެކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ.