ވެރިކަމުގެ ދަހިވެތިކަން ދޫކޮށްލުމަށް ރީކޯ އަންނިއަށް ގޮވާލައްވައިފި

ވެރިކަމުގެ ދަހިވެތިކަން ދޫކޮށްލުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އަށް ގޮވާލައްވައިފިއެވެ.

ރާއްޖޭ ޓީވީގެ މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރީކޯ ވިދާޅުވީ، ދިވެހިރާއްޖެ އަމާން އޮމާންކަން މަތީ ބޭއްވުމަށްޓަކައި ވެރިކަމުގެ ދަހިވެތިކަން ރައީސް ނަޝީދު ދޫކޮށްލައްވަން ޖެހޭކަމަށެވެ.

ރީކޯ މިހެން ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވުމާއި ގުޅިގެންނެވެ.

އެގޮތުން އެކަކުގެ ބޭނުމަށްޓަކައި މުޅި ނިޒާމަށް ވަކި ގޮތެއް ނުގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ރީކޯ އާދޭސް ދަންވަމުން ވިދާޅުވީ، އެމްޑީޕީން ފަށާފައި ހުރި އުޞޫލަކީ ވެރިޔަކަށް ހުންނަ މީހާއަކީ އަބަދުވެސް ސަލާމަތުން ބެހެއްޓުންކަމަށާއި، އެހެންނޫންނަމަ ޕާޓީގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދޭނެކަމަށެވެ.

އަދި މިހެން ދިމާވެ ޕާޓީ ދެބައިވާން ދިމާވަނީ ޕާލިމެންޓްރީ ގްރޫޕުން ކުރާ މަސައްކަތުންކަމަށްވެސް ރީކޯ ވިދާޅުވިއެވެ.

"އަންނިއަށްވެސް މަޤާމެއް ނެތީއެއް ނޫން" ރީކޯ ވިދާޅުވިއެވެ.

އަންނި މިހާރުވެސް ހުންނެވީ މަތީ އިސް މަޤާމެއްގައިކަމަށާއި، ޤަވާއިދު ބަދަލުކޮށް ފެންނަ ނުފެންނައަކަށް ދިއުމުގެ ފުރުޞަތު އަންނިއަށްވެސް އެބައޮތްކަމަށްވެސް ރީކޯ ވިދާޅުވިއެވެ. އަދި ރައްޔިތުން މިހާ ހާލުގައި ތިބި މިވަގުތެއްގައި ބަރުލަމާނީއޭ ކިޔައިގެން ނިޒާމަށް އެވަރުގެ ބޮޑު ބަދަލެއް ގެނައުމަކީ ކުރަން ރަނގަޅުކަމެއް ނޫންކަމެއްކަމަށްވެސް ރީކޯ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ، އެމްޑީޕީ މިސާލަކަށް ވާންޖެހޭނެކަމަށާއި، ވަޒީރަކާއި ގުޅޭގޮތުން މައްސަލައެއް ހުށަހެޅިއްޖެނަމަ މަޤާމުން ވަކިކުރަން މަޖިލީހަށް ދިއުމުގެ ބަދަލުގައި ކްލޯސްޑް ޑޯރ ގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމައ،ި މިއީ އެެންމެން އެއްބައި ވާންވީ ވަގުތުކަމަށެވެ.

މިލިޔުން ކިޔާލުމުން
512
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ