ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް ޤާނޫނު ހިންގަން ކެރުނު ނަމަ އެމްޑީޕީގެ މުޅި ލީޑަރ ޝިޕް ތިބޭނީ ޖަލުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއަރުސީގެ މައްސަލަ ބަލާނެކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ބައެއް މަޖްލިސް މެންބަރުންގެ ގޮނޑު ގެއްލިދާނެކަމަށާއި، އަދި ބައެއް ބޭފުޅުންގެ މަގާމުވެސް ގެއްލިދާނެކަމަށެވެ. މީގެ އިތުރުން މި މައްސަލާގައި ދެންތިބި މީހުންނަށް އިތުރު އެހެން ގޮތްގޮތް ވާނެކަމުގައިވެސް ރައީސް ނާޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ މަޖިލީހުން އަސްލު ބަލަންވީ ކަންތައް އެމްޑީޕީން މިއަދުކުރި ބަހުސްއިން ފެނިއްޖެކަމަށާއި، އެގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ނަމުގައި ރައީސް ޔާމީން ނުހައްގުން ޖަލަށްލީ މައްސަލަ ބަލަން އެބަޖެހޭކަމަށެވެ.
ޖަމީލް ވިދާޅުވީ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުން ރައީސް ޞާލިޙްއަށް ޤާނޫނު ހިންގަން ނުކެރޭކަން ކަށަވަރުވެއްޖެކަމަށާއި، އެހެން ނަމަ އެމްޑީޕީގެ މުޅި ލީޑަރ ޝިޕް ތިބެނީ ޖަލުގައިކަމަށެވެ.
"ރައީސް ޞާލިޙް އަށް ޤާނޫނު ހިންގަން ނުކެރޭކަން ކަށަވަރުވީ. ނޫންނަމަ، މުޅި ތިޔަލީޑަޝިޕް ތިބޭނީ ޖަލުގައި" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުއްސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންދަވަނީ5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މީގެ އިތުރުން މި މައްސަލާގައި މިހާތަނަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަށާއި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށްވެސް ވަނީ ޙުކުމްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާ އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގައި ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު، މި ސަރުކާރުން ވަނީ އެމައްސަލަ ތަޙްޤީޤު ކުރާނެކަމުގައި މީގެ ކުރިންވެސް ވިދާޅުވެފައެވެ.