މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނޭޝިއާ ނޭވީ ސަބްމެރީން ތިންބުރިވެފައި ކަނޑުއަޑީގައި އޮއްވާ ފެނިފައިވާކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދީފިއެވެ.
އިންޑޮނޭޝިއާ ނޭވީ އޮފިޝަލަކު މައުލޫމާތު ދީފައިވާގޮތުގައި 800 މީޓަރު (2،600 ފޫޓު) އަޑިން ސަބްމެރީންގެ ސިގްނަލް އިއްޔެ ލިބިފައިވާ ކަމަށާއި ސަބްމެރީން ހޯދުމުގެ އޮޕަރޭޝަނަށް ސިންގަޕޫރުން ގެނެސްފައިވާ ރެސްކިއު ކަނޑުއަޑީ އުޅަނދެއް ސިގުނަލް އައިތަނަށް ފޮނުވައި ސަބްމެރީން ހޯދައިފައިވާ ކަމަށެވެ.
ސަބްމެރީން ފެނިފައިވާއިރު ސަބްމެރީންވަނީ ތިންތަނަކުން ބުރިވެފައެވެ. އަދި މި ސަބްމެރީންގައި ދަތުރުކުރި 53 ކުރޫއިން މަރުވެފައިވާކަމަށް މިހާރުވަނީ ނިންމައިފައެވެ.
ކޭއާރްއައި ނަންގަލަ-402 ނަމަކަށްކިޔާ މި ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއްގައި ފުނަށް ދިޔުމަށް ހުއްދަ ހޯދި ފަހުންނެވެ. އެ ސަބްމެރީން ފެތުނު ސަބަބު އަދި ސާފެއް ނުވެއެވެ.
އިންޑޮނޭޝިއާ ނޭވީ އިން ސަބްމެރީން ފެނިފައިވާކަން އިއުލާން ކޮށްފައި މިވަނީ ސަބްމެރީންގެ ބަޔެއް ތަކެތި މޫދުން ފެނިފައިވާކަން އިއުލާންކުރިރތާ އެއްދުވަސް ފަހުންނެވެ.