ފަހަތުން އަރާ ސިޓީއިން ޕީއެސްޖީ ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ޕީއެސްޖީގެ މައްޗަށް މެންޗެސްޓަރ ސިޓީއިން ކުރި ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފެށުމާއެކު ސިޓީއިން މެޗު ކޮންޓްރޯލްކުރި ނަމަވެސް ޕީއެސްޖީ ކުޅުނު ނުރައްކާތެރި ކުޅުމާއެކު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީއިންނެވެ. މެޗުގެ 15 ވަނަ މިނަޓްގައި ފެނިގްދިޔަ މިލަނޑަކީ ޑި މާރިއާ ނަގައިދިން ކޯނަރަކުން ބޮލުން އެ ޓީމުގެ ކެޕްޓަން މާކީނިއޯސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕީއެސްޖީގެ މިލަނޑަށްފަހު އެޓީމުން ޑިފެންސަށް ބުރަވިއެވެ. އަދި ސިޓީއިން ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރިނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައިރު، ޕީއެސްޖީގެ ޑިފެންސަށް ނުރައްކާ ވާކަހަލަ ހަމަލާއެއް ސިޓީއަށް އުފެއްދިފައެއް ނުވެއެެވެ.

އެހެންނަމަވެސް އެކަމަކު ދެވަނަ ހާފުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ސިޓީގެ ހަމަލާތައް ވަރުގަދަވެ، ޕީއެސްޖީއަށް  ފުލުފުލުން އެކި އުނދަގޫތައް ކުރިމަތިވި ވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނަޓްގައި ކެޕްޓަން ޑެބްރޮއިނާވަނީ ލަނޑެއް ޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޑެބްރޮއިނާގެ މިލަނޑަކީ އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން ވަތް ލަނޑެކެވެ. މި ލަނޑު ގޯލަށް ވަނީ އޭރިއާ ތެރޭގައި ތިބި ކުޅުންތެރިން އެ ބޯޅައަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ބޯޅައިގައި ޖެހޭގޮތް ނުވެއެވެ. އެހެންކަމުން ކީޕަރު ނަވާސް އަށްވެސް ހުރެވުނީ އިތުރު ކުޅުންތެރިޔަކު ބޯޅަ ފޮނުވާލާނެކަމަށް ހީކޮށްގެންނެވެ.

އަދި ޕީއެސްޖީ ސިއްސުވާލުމަށް ފަހު، މެޗުގެ 71 ވަނަ މިނިޓުގައި ސިޓީން ލީޑު ނެގީ މަހްރޭޒް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑުންނެވެ.

މީގެއިތުރުން މެޗުގައި ޕީއެސްޖީގެ ގިޔޭއަށް ވަނީ ސީދާ ރަތްކާޑެއްވެސް ދައްކާފައެވެ. މެޗުގެ 77 ވަނަ މިނަޓްގައި ދެއްކި މިރަތް ކާޑަކީ ސިޓީގެ ގުންޑޮގާން އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑެކެވެ.

ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ސިޓީގެ ދަނޑުގައި ކުޅެވޭ މިމެޗު ފަށާނީ އެރޭ 12:00 ގައެވެ.

މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މެންޗެސްޓަރ ސިޓީން މުބާރާތުގެ ސެމީފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. އަދި މިހާތަނަށް މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ނަސީބު ސިޓީއަށް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ