ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށްފިއެވެ.
ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މޯލްޑިވްސް ކަރެކްޝަނުން ބުނީ، ޔާމީން ގެއަށް ބަދަލުކުރެވިފައިވަނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގެ ބައެއް އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާކަމަށް އެ ސަރވިސްއިންވަނީ ހާމަކޮށްފައެވެ.
ޔާމީން މިއަދު ގެއަށް ބަދަލުކޮށްފައިވާއިރު، މާފުށީ ޖަލުގައި އެމަނިކުފާނުގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމުގެ ޚަބަރު ލިބިފައިވާކަމުގައި އިދިކޮޅުން މިހަފްތާ ތެރޭގައިވަނީ ބުނެފައެވެ. އަދި ރައީސް ގެއަށް ބަދަލުކޮށްދިނުމަށްއެދި އިދިކޮޅުންވަނީ ތަކުރާރުކޮށް ސަރުކާރުގައި އެދިފައެވެ. މީގެއިތުރުން މިދަނޑިވަޅަކީ ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދި ޕީޕީއެމް/ޕީއެންސީން މާލޭ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ވަގުތެއްކަންވެސް ފާހަގަކޮށްލެވެއެވެ.
އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއިގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
Alhamdhulihlaah pic.twitter.com/Bwio47hwap
— Mp Fazul Rashyd (@FaZuLRaShYd) April 29, 2021
މަނީލޯންޑަކުރިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2018 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.