އޭލެވެލް އިމްތިހާނުގެ ފިޒިކްސް ޕޭޕަރު ލީކުވެފައިވަނީ ރާއްޖެއަކުން ނޫން: އެޑިއުކޭޝަން

އޭލެވެލް އިމްތިހާނުގެ ފިޒިކްސް ޕޭޕަރު ލީކުވެފައިވަނީ ރާއްޖެއަކުން ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިހާރު ރާއްޖޭގައި ކުރިޔަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލެ އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުޞޫލުތަކާ އެއްގޮތަށް ކުރިޔަށްދާކަމެއްކަމަށާއި، އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިޙާނު ސެންޓަރަކުން ލީކުވެފައިނުވާކަމަށެވެ.

ނަމަވެސް އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެވެސް ޤައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު ލިބިފައިވާކަމަށާއި، އަދި މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

މަޢުލޫމާތު ލިބޭގޮތުގައި ލީކްވި ޕޭޕަރުގެ އިމްތިހާނު އޮތީ މިއަދު މެންދުރުފަހު 2:00 ގައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު މޭއި/ޖޫން ގައި އޭލެވެލް އިމްތިހާނު ކުރިޔަށް ނުގެންދެވޭނެކަމަށ އިނގިރޭސިވިލާތުން އަހަރުގެ ކުރީކޮޅު ނިންމާފައިވީނަމަވެސް ފަހުންވަނީ އެ ނިންމުން ބަދަލުކޮށް މެއި ޖޫންގައި އެ އިމްތިޙާން ބޭއްވުމަށް ނިންމިއެވެ. ނަމަވެސް ފަހުން އެތާރީޚްވަނީ އަވަސްކޮށްފައެވެ. އެގޮތުން އޭލެވެލް އިމްތިޙާން ފަށާފައިވަނީ  26 އޭޕްރީލްގައެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރުމަށް އެޑެކްސެލް އިން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ