ތިނަދޫ އިން ނެގި ރެންޑަމް ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ.ތިނަދޫ އިން ނެގި ރެންޑަމް ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ގދ. ތިނަދޫގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިވަގުތު ނަތީޖާ ލިބުނު 3 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މި ސާމްޕަލްތަކުގެ އިތުރުން ކ.މާލެއިން ތިނަދޫއަށް ދަތުރުކޮށްފައިވާ ޖަޒީ ބޯޓުން ކޮވިޑަށް ޕޮޒިޓިވްވި ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު ޑައިރެކްޓް 3 ކޮންޓެކްޓެއްވެސް ޕޮޒިޓިވްވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

އަދި މިއާއެކު މިހާރު އެރަށުގައި ހުރި ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 23 ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ތިނަދޫ މޮނިޓަރިންގއަށް ލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފަށާފައިވާއިރު، ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 22 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ އަދި އދ.ދަނގެތީގެ އިތުރުން ހއ. ދިއްދޫއެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ