ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" މިއަހަރު ތިނަދޫ ސިޓީގައި ހުޅުއްވައިފިއެވެ.
މި މައުރަޒު ބާއްވަނީ 3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫގައެވެ. މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދާ މި މަޢުރަޒު ޚާއްޞަކުރެވިފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މިއަދު ފެށި މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ. މާދަމާ މި މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.
މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް، 1988 ނޮވެންބަރު 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ނުވަތަ ޓައިމްލައިނެއް ގޮތަށް ސިފަވާނެގޮތަކަށް ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ސިފައިންނާއި ދިވެހިންވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، ސިފައިންގެ އިސްބައެއް ވެރިން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް) ވެސް ބައިވެރިވެލެއްވިއެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު 8ވަނަ ދުވަހުގެ ހަަވީރު 16:00ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބާއްވާނެކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދެއްވާފައެވެ. މިފަދަ ހަރަކާތްތަކަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.




