މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ދުރުކުރެވިފައިވާކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެފުލުހުންނާމެދު އަޅާނެކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ރޭ ކުރިއަށް ދިޔައީ ސުލްހަވެރި އިހުތިޖާޖެއް ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިން ބިންމައްޗަށް ވައްޓާލައި ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައެވެ. އަދި އެ މަންޒަރު ނަގަން މަސައްކަތް ކުރި ނޫސްވެރިންނަށްވެސް ފުލުހުން ހުރަސް އެޅިއެވެ.
އެގޮތުން މުޒާހަރާގެ އަންހެން ބައިވެރިޔަކު ފަހަތަށް ބިޑި އަޅުވާފައި ބިންމައްޗަށް ވައްޓާލާފައި ބާއްވައި، ފުލުހުން އޭނާގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.
މީގެއިތުރުން ރޭގެ މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް އައުޤުރާނަ ގޮވާ އަނިޔާކޮށްފައިވާކަމަށް ނޫސްވެރިންވަނީ ބުނެފައެވެ. އަދި މިމައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ރޭގެ މުޒާހަރާގެ މައްސަލަ ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ. ފުލުހުންނާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލު އަހުމަދު ނަސީމެވެ.





ހިޔާލު
Katakanbaa egenee