ކުޅެމުންދިޔަ ފުޓްސަލް މެޗެއް ހޫނުވެ ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލައިގައި ހުއްޓިފައި އޮތް ހއ.ދިއްދޫ ކައުންސިލުން އިންތިޒާމްކުރާ 3 ވަނަ ފިޠުރު ޢީދު ފުޓްސަލް މުބާރާތް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލުން ރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 2019 ޖޫން 5 ވަނަ ދުވަހު ފެށި މުބާރާތުގައި ޖޫން 10 ވަނަ ދުވަހުގެ ރޭ ކުޅެވުނު "ބްލެކްޒީނޯ" އަދި "ވަންތަޅާ" ބައްދަލުކުރި މުބާރާތުގެ 36 ވަނަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް ކަމަށެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން މުބާރާތް މަޑުޖެހި، މުބާރާތުގެ ޓެކްނިކަލް ކޮމިޓީގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވައި، ބައެއް ރެފްރީން ވަކިވެފައިވާ ކަމަށާއި، ޓީމުތަކާ މަޝްވަރާ ކުރެވިގެން އައު ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލައި ރެފްރީން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ރެފްރީން ލިބިފަި ނުވާކަމަށް ދިއްދޫ ކައުންސިލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މުބާރާތް މިހެން ހުއްޓިފައި އޮތުމުގެ ސަބަބުން ހއ.ދިއްދޫ ކައުންސިލަށާއި، ޓިމުތަކަށްވެސް ގިނަ ދަތިތަކަކާއި މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
"މިކަންކަން މިހެން ހުރުމާއެކު، ހއ.ދިއްދޫ ކައުންސިލުން މިހާރު ނިންމާފައިވަނީ އެ މުބާރާތް މި ހިސާބުން ނިންމާލުމަށް. އަދި 1 ނޮވެންބަރ 2019 ގައި އާ މުބާރާތެއްގެ ގޮތުން މި މުބާރާތް ބޭއްވުމަށް." ދިއްދޫ ކައުންސިލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މުބާރާތް މިހާހިސާބުން ހުއްޓާލުމުގެ އިތުރުން މައްސަލަ ހޫނުވި މެދުގައި ބައްދަލުކުރި "ވަންތަޅާ" އަދި ބްލެކްޒީނޯ" ވަނީ 1000ރ (ޢެއްހާސް ރުފިޔާ) އިން ޖޫރިމަނާވެސް ކޮށްފައެވެ.
ދިއްދޫ ކައުންސިލުން މުބާރާތް ނިންމާލަން ނިންމެވިއިރު، ހަމަނުޖެހުން ހިނގި މެޗުގައި ދަނޑަށް ގެއްލުންދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަމިއްލަ އިސްނެގުމަށް ގެންދަވަނީ ބައްލަވަމުންނެވެ.



