ކުޅެމުންދިޔަ ފުޓްސަލް މެޗެއް ހޫނުވެ ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލައިގައި ހުއްޓިފައި އޮތް ހއ.ދިއްދޫ ކައުންސިލުން އިންތިޒާމްކުރާ 3 ވަނަ ފިޠުރު ޢީދު ފުޓްސަލް މުބާރާތް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލަން ނިންމައި ދެ ޓީމު ޖޫރިމަނާކޮށް ގިނަ ކުޅުންތެރިންތަކެއް ޖޫރިމަނާކުރަން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ، މަސްލަހަތު ގެއްލި މެދުކަނޑާލަން ޖެހުނު ފުޓްސަލް މުބާރާތުގެ ޓެކްނިކަލް ކޮމެޓީގެ މަސައްކަތަށް ރިއާޔަތްކޮށް 12 ފިޔަވަޅެއް އެޅުމަށް ދިއްދޫ ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ.
ދިއްދޫ ކައުންސިލުން އަޅަން ނިންމި ފިޔަވަޅުތައް:
- "ބްލެކްޒީނޯ" އަދި "ވަންތަޅާ" 1000ރ އިން ޖޫރިމަނާކުރުން
- "ވަންތަޅާ" ގެ ޖަރޒީ ނަންބަރު 33 އިބްރާހީމް ޙަމީދު އަށް އެޅި ފިޔަވަޅު އުވާލުން.
- "ރިއަލްޓީ" ގެ އޮފިޝަލް އިބްރާހީމް ރަޝީދު - ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 1 މެޗަށް ސަސްޕެންޑް
- "ވަންތަޅާ" ގެ ޖަރޒީ ނަންބަރު 10 އިބްރާހީމް ނާހިދު - ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 2 މެޗަށް ސަސްޕެންޑް
- "ބްލެކްޒީނޯ" ގެ ޖަރޒީ ނަންބަރު 77 ޙުސައިން ޝިފާހު - ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 2 މެޗަށް ސަސްޕެންޑް
- "ވަންތަޅާ" ގެ ޖަރޒީ ނަންބަރު 11 ޙުސައިން ރަޝީދު - ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 2 މެޗަށް ސަސްޕެންޑް
- "ބްލެކްޒީނޯ" ގެ ޖަރޒީ ނަންބަރު 44 އަޙްމަދު މުނައްވަރު - ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 2 މެޗަށް ސަސްޕެންޑް
- "ބީއެކްސް" ގެ އޮފިޝަލް ޢަލީ ނަޞީރު- ހިމެނޭ ޓީމު ކުޅޭ ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތުގެ 3 މެޗަށް ސަސްޕެންޑް
- "ހީވެސްނުވޭ" ގެ ޖަރޒީ ނަންބަރު 8 އަޙްމަދު އަސްލަމް - ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތަށް އެއްކޮށް ސަސްޕެންޑް
- "ވަންތަޅާ" ގެ ކޯޗު އަޙްމަދު ޝަފީޤް ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތަށް އެއްކޮށް ސަސްޕެންޑް
- "ބީއެކްސް" ގެ ޖަރޒީ ނަންބަރު 77 ޙަސަން ޝަފީޤް - ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތަށް އެއްކޮށް ސަސްޕެންޑް
- "ބްލެކްޒީނޯ" ގެ ޖަރޒީ ނަންބަރު 10 ހާނީ ޚަލީލް - ދިއްދޫ ކައުންސިލުން ދެން އެންމެ އަވަހަށް ބާއްވާ ފުޓްސަލް/ފުޓްބޯޅަ މުބާރާތަށް އެއްކޮށް ސަސްޕެންޑް
ދިއްދޫ ކައުންސިލުން ވިދާޅުވީ، އެ މުބާރާތުގެ ދެ ޓެކްނިކަލް ކޮމިޓީއަށާއި، ރެފްރީ ކޮމިޓީއަށް އެ ކައުންސިލުން އެއްވެސް މިނަވަރަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، ވަކި ޓީމަކަށް ފައިދާވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
"މިކަމާ ގުޅިގެން ހިނގައިދިޔަ ޖިނާޢީ ކަންކަން މި ކައުންސިލުން ހަމަޖެހިފައިވާ އުސޫލުން ބަލައި އެއާމެދު އަޅަންޖެހޭ ފިޔަވަޅުަތއް އަޅަމުންދާނެ ވާކަހަވެސް ދެންނެވިން." ދިއްދޫ ކައުންސިލުން ވިދާޅުވިއެވެ.
ދިއްދޫ ކައުންސިލުން ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ނިންމަވާފައި މިވަނީ ފުޓްސަލް މެޗު ހޫނުވެ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބާއި، ދަނޑުގެ ތަކެއްޗަށް ގެއްލުންދީ އެކި ފަރާތްތަކާ މެދުގައި މާރާމާރީ ހިންގާފައިވާ މައްސަލަތައް ބެލުމަށްފަހުގައެވެ.
“ބްލެކްޒީނޯ” އަދި “ވަންތަޅާ” ބައްދަލުކުރި މުބާރާތުގެ 36 ވަނަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
އެކި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އިތުރުން ދިއްދޫ ކައުންސިލުން ނިންމާފައިވަނީ، އެ މުބާރާތް މި ހިސާބުން ނިންމާލުމަށްފަހު 1 ނޮވެންބަރ 2019 ގައި އާ މުބާރާތެއްގެ ގޮތުން މި މުބާރާތް ބޭއްވުމަށެވެ.
ދިއްދޫ ފުޓްސަލް މުބާރާތް: ހަތް ކުޅުންތެރިންނާއި އޮފިޝަލުންނާއި ކޯޗުން ސަސްޕެންޑްކޮށްފި



