ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމާއި ގުޅިގެން އެކުންފުންޏަށް ދީފައިވާ ފައިސާ އަނބުރާ ނުދައްކައިފިނަމަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.
އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވާފައި މިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއެކު 75 ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާޠިލް ކުރުމަށް އެކުންފުންޏަށް ނޯޓިސް ފޮނުވާފައިވަނިކޮށެވެ.
އެގޮތުން ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ
އެއްބަސްވުން ބާޠިލުކުރުމަށް ހެލްތް މިނިސްޓްރީން 2 މޭ 2021 ގައި އެ ކުންފުންޏަށް "ޓަރމިނޭޝަން ނޯޓިސް" ފޮނުވާފައިވާކަމަށެވެ.
އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ
ރައްދުކޮށްދޭންވާނެކަމަށް އެކުންފުންނާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، އެ ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގައި އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުން ބާޠިލް ކުރިއިރު، އެކުންފުނިން ވަނީ 15 ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވާފައެވެ. ނަމަވެސް 60 ވެންޓިލޭޓަރު އެ ކުންފުނިން މިއަދާއި ހަމައަށްވެސް ފޮނުވާފައެއްނުވެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށްކަމަށާއި އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެކަމަށެވެ. އެހެން ކަމުން އާބިޓްރޭޝަންގައި ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނަށެވެ.
އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނި ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންނެވެ.
ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައިވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމަށްވާތީ، ދިވެހިރާއްޖެއާއި ބޭރު ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ "އިންޓަރނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެކެވެ.
ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންނެވެ. އެ މުޢާހަދާގައި 168 ޤައުމަކުން ބައިވެރިވެފައިވެއެވެ. އެއިން ކޮންމެ ޤައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުޢާހަދާގެ އެހެން މެންބަރު ޤައުމެއްގައި އޮންނަނީ ތަންފީޛުކުރަންޖެހޭ ގޮތަށެވެ.



