ޕީއެސްޖީ ބަލިކޮށް، ސިޓީން ތާރީޚީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޕީއެސްޖީ ބަލިކޮށް މެންޗެސްޓާރ ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިޓީން ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ޕީއެސްޖީ އަތުން 2-0 އިން މޮޅުވެ، 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ އަލްޖީރިއާގެ ވިންގަރ ރިޔާދު މަހްރޭޒެވެ. ފުރަތަމަ ލެގުގައިވެސް މަހްރޭޒްވަނީ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެ ލެގުގައިވެސް ލަނޑު ޖެހި އިންގްލިޝް ކްލަބަކަށް ނިސްބަތްވާ ދެވަނަ ކުޅުންތެރިޔާއަށް މަހްރޭޒްވަނީ ވެގެން ގޮސްފައެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެ ލެގުގައި ލަނޑު ޖަހާފައިވާ އަނެއް ކުޅުންތެރިޔަކީ ލިވަޕޫލްގެ ސަޑިއޯ މާނޭއެވެ. އެއީ 2017-18 ސީޒަންގައެވެ.

ސިޓީގެ މިމޮޅާއެކު އިތުރު ރެކޯޑު ތަކެއްވެސްވަނީ އެކްލަބަށް ލިބިގެން ގޮސްފައެވެ. ރޭގެ މޮޅާއެކު، ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ކުޅުނު 7 މެޗުންވެސް ސިޓީވަނީ މޮޅުވެފައެވެ. އަދި މިއީ މިމުބާރާތުގައި އިންގްލިޝް ކްލަބެއް ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބުކުރި ފަހަރެވެ. މީގެކުރިން އިންގްލިޝް ތިން ޓީމެއް މިމުބާރާތުގައި ޖެހިޖެހިން 6 މެޗުންވަނީ މޮޅުވެފައެވެ. އެއީ މެންޗެސްޓާރ ޔުނައިޓެޑް، ލީޑްސް ޔުނައިޓެޑް އަދި އާސެނަލްއެެވެ.

އަދި ރޭގެ މޮޅާއެކު އެއްސީޒަނެއްގައި މިމުބާރާތުގެ 11 މެޗު ކާމިޔާބުކުރި ހަމައެކަނި އިންގްލިޝް ކްލަބަށްވެސް ސިޓީވަނީ ވެގެން ގޮސްފައެވެ.

ސިޓީން ލީޑު ނެގީ މެޗުގެ 11 ވަނަ މިނިޓުގަ މަހްރޭޒް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 63 ވަނަ މިނިޓުގައި ސިޓީން އުފެއްދި ކައުންޓާ އެޓޭކެއްގައި، ފިލް ފޮޑެން ގެ އެހީއާއެކު މަހްރޭޒް ވަނީ ދެވަނަ ލަނޑެއް ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

ސިޓީއާއެކު ފައިނަލުގައި ވާދަކުރާނެ ޓީމެއް ޔަގީންވާނީ ޗެލްސީއާއި ރެއާލްމެޑްރިޑް ކުޅޭ ދެވަނަ ލެގުގެ މެޗަށްފަހުއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ޗެލްސީ ދަނޑުގައި މިރޭ ކުޅެވޭ ދެވަނަ ލެގު މެޗަކީވެސް ވަރަށް ފޯރި ގަދަވެގެންދާނެ މެޗެކެވެ. މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ