މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ ދައުލަތުގެ ހަޒާނާއަށް ގެނެސްދިނުމަށް އެމްޑީޕީއިންވާނީ ވައުދުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ވަރަށް ގިނަ ރައްޔިތުން މިހާރު ބުނަނީ އެކަންތައް އެމްޑީޕީއަށް ނުބެލުނު ކަމަށާއި ލައްކަފަހަރު އެވާހަކަ ދައްކައިފި ކަމަށެވެ. ނަމަވެސް، ކޮންމެ ކަމެއްގެވާހަކަވެސް އެކަމެއް ވަންދެން ދައްކާނެކަމަށެވެ.
"އެމްއެމްޕީއާރުސީ ވައްކަމުގެ ހިޔާނާތާއި އެ ފައިސާ އަޅުގަނޑުމެންގެ ހަޒާނާއަށް ގެނެސްދިނުމަށް ދިވެހި ރައްޔިތުންގެ ޑިމަކްރެޓިކް ޕާޓީއިންވާނީ ވައުދުވެފައި އެ ވައުދު ފުއްދައި ދިނުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ، ހަމަގައިމުވެސް އަޅުގަނޑު އެ ވައުދު ފުއްދުމައް މަސައްކަތްކުރުން ހުއްޓައެއް ނުލާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދުވަނީ ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން މިކަމުގައި މަސައްކަތް ކޮށްދިނުމަށާއި ކުރިއަށް މިއޮތް އެމްޑީޕީގެ އިންތިހާބުގައި ނަޒާހަތްތެރި އަދި ޕާޓީގެ އަސާސްތަކާއި ބައްދަލު އެކަން ރަމްޒުވާފަދަ ބޭފުޅުން މަގާމްތަކަށް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފައެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެއެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރުވެސް އެއިން އެއްވެސް ބޭފުޅަކަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.