ޖަންނަތު (11)

(ދިހަވަނަ އަދަދާއި ގުޅޭ)

އެރޭ އަރުޝަމް ގެއަށް ދިއުމަށްފަހު އެއްވެސް ޚަބަރެއް ނުވެއެވެ. އަރުޝަމްގެ މިޒާޖު ހުންނަ ގޮތުން މަންމަ ދެއްކި ވާހަކަތައް އަރުޝަމް މާނަކުރާނެ ގޮތެއް ޖަންނަތުއަށް އެއްވެސް ވަރަކަށް އަންދާޒާކޮށްލާކަށް ނޭނގުނެވެ. އެކަމާ ޖަންނަތު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ދެން އަރުޝަމް ހަދާނީ ކިހިނެއްބާއެވެ؟ މަންމަ ދެއްކި ވާހަކަތައް އޭނާ މާނަކުރާނީ ކޮންގޮތަކަށްބާއެވެ؟

ޖެހިގެން އައި ދުވަހު ޖަންނަތު ކޮލެޖަށް ދާން ނުކުތް އިރު އެހެންނޫނީ ގޭ ދޮރުމަތީގައި އޮންނަ އަރުޝަމްގެ ކާރެއް ނެތެވެ. ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޖަންނަތު އަރުޝަމްގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ރިންގު ކެނޑުނުއިރުވެސް އަރުޝަމް ފޯނެއް ނުނެގިއެވެ. ދެފަހަރު ގުޅުމަށްފަހު ފޯނު ނުނެގުމުން ޖަންނަތު އެންމެ ފަހުން ފައިމަގުގައި ދިއުމަށް ހިނގައިގަތެވެ.  އަރުޝަމް ހިތްހަމަ ނުޖެހިފައި ހުރިކަން އެހާ ހިސާބުން ޖަންނަތަށް ކަށަވަރުވިޔެވެ. ސަބަބަކީ އެހެންނޫނިއްޔާ ޖަންނަތު ހިނގާފައި އެއްވެސް ތަނަކަށް ދާކަށް އަރުޝަމް އެއްބަހެއް ނުވާނެއެވެ.

ދެދުވަސްވެގެންދިޔައިރުވެސް އަރުޝަމްގެ ޚަބަރެއް ނުވިޔެވެ. ޖަންނަތު ގުޅުމުން ފޯނުވެސް ނުނަގައެވެ. ވައިބަރއިން މެސެޖު ކުރުމުން މެސެޖު ބަލާފައި އިންނަކަން އެނގެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދެއެވެ. އެކަމާ ޖަންނަތު ވަރަށް ދެރަވިޔެވެ. ހިތުގައި ޖެހި ރޮވޭންވެސް ރޮވުނެވެ. ނަމަވެސް މަންމަ އޭނާއަށް ގޯސް ނަޞޭޙަތެއް ނުދޭނެކަން އެނގޭތީ ކެތްކުރެވޭތޯ ބަލަން ޢަޒުމު ކަނޑައެޅިއެވެ. އަރުޝަމް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ފޯނުގައި ރައްކާކުރެވިފައި ހުރި ފޮޓޯތަކަށް ބަލާލައިގެން ހިތްހަމަ ޖައްސާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. ނަމަވެސް ކޮންމެ ދުވަހަކު ލިބެމުންދިޔަ ކުދި ހަދިޔާތަކާ، ދޭތެރެ ދޭތެރެއިން ޖަންނަތު ހުރީ ކައިގެންތޯއާއި އެއްވެސް އެއްޗެއް ބޭނުންވޭތޯ ބެލުމަށްޓަކައި އަރުޝަމް ކުރާ މެސެޖުތައް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ދެލޯ ފެންކަޅިވެޔެވެ. އޭނާއަށް އެހާ އަޅާލާ، އޭނާ ދެކެ އެހާ ލޯބިވާނޭ މީހަކު ދެން ލިބޭނެބާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އިތުރަށް ދެރަވެޔެވެ.

ޖެހިގެން އައި ހަފްތާގައި ޖަންނަތުގެ މަންމަ ފުރައިގެން ދިޔަ ފަހުންވެސް އަރުޝަމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވެއެވެ. ކިތަންމެ ނޫން ކަމަށް ހަދައިގެން ހުރި ނަމަވެސް ޖަންނަތަށް ވާނުވާ އަރުޝަމް ބަލާނެކަން އޭނާއަށް ޔަޤީންވެއެވެ. އަރުޝަމްއަކީ އެހާ ފަސޭހައިން ގޮތް ދޫކުރާ މީހެއް ނޫނެވެ.

މަޝްވަރާކޮށްލުމެއްވެސް ނެތި އަރުޝަމް އަމިއްލައަށް ދުރުވެގަތުމުން ޖަންނަތު ހުރީ ހުރިހާ ކަމެއް މަތިން ފޫހިވެފައެވެ. ތަނަކަށް ދާހިތެއް ނުވެއެވެ. ކޮލެޖުން ގެއަށް އައުމަށްފަހު ދެން އަނެއްކާވެސް ގެއިން ނުކުންނަނީ އަނެއް ދުވަހު ކޮލެޖަށް ދާށެވެ. ޖީނާއާއި ޒަހާ ވަރަށް ހިތްވަރު ދެޔެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަމުގައި ބުނެ އެމީހުން ދިޔައީ ވިސްނައިދެމުންނެވެ. އެހެނަސް ކޮލެޖަށް ދާ މަގުމަތީގައިވެސް ބޭގަރާރުކަމާއެކު ޖަންނަތުގެ ލޯ ހޯދަނީ އަރުޝަމްގެ ސޫރައެވެ. އެންމެ ފަހަރަކުވެސް ފެނޭތޯއެވެ. ނަމަވެސް އެކަން ވީ ބޭކާރު ކަމަކަށެވެ. ދެ ހަފްތާ ވެގެން ދިޔައިރުވެސް މަގެއްގެ މަތިންވެސް ޖަންނަތަށް އަރުޝަމް ފެންނަ ގޮތެއް ނުވިއެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ކޮލެޖް ނިންމާފައި އައިސްކްރީމް ބޯން ދާން ޒަހާ އާދޭސްކުރާވަރުން އެދުވަހު އެމީހުންނާއެކު ދިއުމަށް ޖަންނަތު އެއްބަސްވިއެވެ. ދިޔަ މަގުމަތީގައި ޒަހާއާ ޖީނާ ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޖަންނަތު ބަހެއްވެސް ނުބުނެ އެމީހުންނާއެކު ހިނގަމުން ދިޔައެވެ. އެއީ މިހާރު އޭނާގެ އާދައެވެ. މީހަކާ އަނގައިން ބުނަނީ މަދު ފަހަރަކުއެވެ. އާންމުކޮށް އެމީހުން އައިސްކްރީމް ބޯން ދާ ރެސްޓޯރެންޓަށް ވަދެ އޯޑަރު ދިނުމަށްފަހު ތިން ކުދިން ގޮސް ހުސް މޭޒެއް ހޯދައިގެން އިށީނދެލިއެވެ. ވަގުތަކީ ސްކޫލްތަކުގެ ހެނދުނު ދަންފަޅީގެ ކުދިން ނިމި މެންދުރު ފަހުގެ ދަންފަޅި ފެށޭ ވަގުތު ކަމުން ގިނަ އަދަދެއްގެ ކުދިންނާއި ބެލެނިވެރިން އެ ރެސްޓޯރެންޓަށް ވަދެ ނުކުންނަމުން ދިޔައެވެ. މާޙައުލުގެ ހަލަބޮލިކަމުން ޖަންނަތު އިނީ ބޮލަށް އުނދަގޫވާގޮތް ވެފައެވެ. އެހެންކަމުން އޭނާ ފޯނު ނަގައިގެން އެކި އެއްޗެހި ބަލަން ފެށިއެވެ. އިރުކޮޅަކު އެހެން އިންދާ އިސްއުފުލާލަން މަޖުބޫރުވީ ޒަހާ އޭނާގެ އަތުގައި ކޮށްޓާލާފައި ބުނި އެއްޗަކުންނެވެ.

"ޖަންނަތު ބަލާލަބަލަ މިއޮއް ކަމެއް!" ކަންފަތް ދޮށުގައި ސިއްރެއް ބުނާފަދަ ގޮތަކަށް ޒަހާ ބުންޏެވެ.

އޭރު ޖީނާވެސް އިނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެންނެވެ. އިސް އުފުލާލުމަށްފަހު ދެ ރަޙްމަތްތެރިންގެ ކަޅި ހުއްޓިފައިވާ ދިމާއަށް ޖަންނަތުވެސް ބަލާލިއެވެ. އެވަގުތު ޖަންނަތަށް ހީވީ މީހަކު އޭނާގެ ކަރުގައި ބާރަށް ހިފިހެންނެވެ. ބޭރަށް ލަމުން ދިޔަ ނޭވާ ކަރުގައި ތާށިވިކަހަލަ އިޙުސާސެއް ކުރެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިމަތީގައި ހުރި މޭޒުގައި އަރުޝަމް އިނީ އަންހެން ކުއްޖަކު ގޮވައިގެންނެވެ. ދެމީހުން މޭޒުމަތީގައި އަތް ބާއްވާލައިގެން ތިބި އިރު އަންހެން ކުއްޖާގެ ކަނާއަތް އޮތީ އަރުޝަމްގެ ވާއަތް ތެރޭގައެވެ. ދެމީހުން ތިބީ ހީހީފައި އޮލަ ވާހަކައެއް ދައްކާށެވެ. އެވަގުތު ޖަންނަތަށް ޙަސަދަވެރިކަމާއެކު އެ އަންހެން ކުއްޖާއާ ދިމާއަށް ރަނގަޅަށް ބަލާލެވުނެވެ. އެކުއްޖާގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. ނަމަވެސް ހުރީ ގަދައަށް މޭކަޕް ކޮށްފައެވެ. ތުންފަތުގައި ޖައްސާފައި ހުރީ ރީތި ގަދަ ރަތްކުލައެކެވެ. އޭގެ ސަބަބުން އެތެރެއިން ފެންނަން ހުރި ކުދިކުދި ދަތްތައް ހުދުވެފައި ސާފުކަމަށް ދައްކައެވެ. ބޮލުގެ ފަން އިސްތަށިގަނޑު އޮތީ ކޮނޑާ ހަމައަށް ކޮށާލާފައެވެ. ލައިގެން އިނީ އޮފީސް ހެދުމެކެވެ. ހުދު ކުލައިގެ ގަމީސް ގަޔަށް ހިފާލާފައި ހުރިއިރު ތިރިން ލައިގެން އިން ކަކުލާ ހަމައަށް އަރާ ކަޅުކުލައިގެ ޕެންސިލް ސްކާރޓުން އެކުއްޖާގެ ރީތި ބަށްޓަން ބަލާލާ ކޮންމެ މީހަކަށް އެނގޭހާވެއެވެ.

އަންހެން ކުއްޖާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލުމުން ޖަންނަތު އިތުރަށް ހިތުގައި ޖެހުން ނޫން ކަމެއް ނުވިއެވެ. ފެންނަ ފެނުމަށް އެކުއްޖާ ޖަންނަތަށްވުރެ ރީތިވެފައި ހަރު ވައްތަރު ޖަހާހެން ޖަންނަތަށް ހީވިއެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރާއި، ތިބިލެއް ކައިރިކަމުން އެ ދެމެދުގައި އޮތީ ރަޙުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއްކަން ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެވަގުތު ހިތަށް އަރާ ފައިބަން ފެށި އެއްޗެހިން ޖަންނަތުގެ ލޮލުން ކަރުނަ ހިލޭ ގޮތްވިޔެވެ. މީގެ ދެހަފްތާ ކުރިއާ ޖެހެންދެން އަރުޝަމް ހަމައެކަނި އެނަޒަރުން ބަލަމުން ދިޔައީ އޭނާއާ ދިމާއަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހެއްގެ ހިތް ހަމަ ބަދަލުވެދާނެ ހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2123
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ