ހޮންކޮންގެ ގާނޫނު ހަދާ ކައުންސިލުން ޗައިނާއެކު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސް ވުމަކަށް އައުމަށްޓަކައި ފާސްކުރަން ބަހުސްކުރަމުން ދިޔަ ބިލް ސަސްޕެންޑުކޮށް އެފަދަ އެއްބަސް ވުމަކަށް ނާނަން ނިންމައިފިއެވެ.
ހޮންކޮންގެ ސަރުކާރުން މިގޮތަށް ނިންމައިފައި މިވަނީ މި ބިލާއި ދެކޮޅަށް ހޮންކޮންގައި ބޮޑެތި މުޒާހަރާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ހޮންކޮންގެ ޗީފް އެކްސްކިއުޓިވް ކެރީ ލެމް މިއަދު ވިދާޅުވީ، މި ބިލުގެ ސަބަބުން ހޮންކޮންގައި ބޮޑު ތަފާތުވުންތަކެއް އުފެއްދިއްޖެ ކަމަށާއި އެކަމަނާއަށް އެންމެ މުހިންމީ ހޮންކޮންގެ ސަލާމަތާ ހަމަޖެހުން ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުން ބަހުސްކުރަމުންދިޔަ ބިލު ފާސްވި ނަމަ އެކި މައްސަލަ ތަކުގައި ހޮންކޮންގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ކުރުމަށްޓަކައި ޗައިނާއަށް މީހުން ގެންދިއުމުގެ ބާރު ޗައިނާއަށް ލިބިގެން ދާނެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ މި ބިލު ފާސްވިނަމަ ހޮންކޮންގް، ހޮންކޮންގެ ގޮތުގައި ނޯންނާނެ ކަމަށާއި ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމަށް ބިރުގަނެ ޓުއަރިސްޓުންވެސް އައުން މަދުވާނެ ކަމަށެވެ.




