ވެރިރަށް މާލޭގައި މިރޭ ދިން ނިރުވަވެރި ހަމަލާއަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްދިން ހަމަލާއެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
މިހަމަލާ ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ނަޝީދުއާ އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ.
އަދި މިނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.
މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ރައީސް މުޙަންމަދު ނަޝީދަށް ފަރުވާ ދެއްވަމުންނެވެ. މިހާދިސާގައި ރައީސް ނަޝީދުއަށް އަނިޔާވެފައިވާކަން ފުލުހުންވެސްވަނީ ކަށަވަރު ކޮށްދީފައެވެ.
މިރޭ މަޖިލިސް ރައީސް ދިރިއުޅުއްވާ ގ. ކެނެރީގޭ ބޭރުގައި އެއްޗެސް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.
މިހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްޞީލެއް އަދި ނުލިބެއެވެ.




