ރޭގެ ހަމަލާ ދީފައިވަ ސަރަހައްދު - ފޮޓޯ: ވަގުތު

ހަމަލާ ދިން ވަގުތު ޝައްކުވާ ކަމެއް ފާހަގަވިނަމަ އަންގަން ފުލުހުން އެދިއްޖެ

ރޭ އިރާކޮޅުގެ ވަގުތެއްގައި ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު
ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިންވަގުތު ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވުނު ނަމަ އެކަމެއް އެންގުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގުކުރަމުން ދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައިކަމަށެވެ.

ފުލުހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ ދިން ވަގުތު އެސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައިވާނަމަ، މި ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ކޮށްފައިވާ ހޮޓްލައިން 9704000 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.

އެގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން އެސާރވިސްއިން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ގައުމީ ދިފާއީ ބަރާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ
މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ދަނީ މިހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުންނެވެ.

މިގޮތުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ފުލުހުންނަށް ލިބެންހުރި ހުރިހާ ވަސީލަތަކެއް ބޭނުންކުރަމުންދާކަމަށާއި، މީގެ އިތުރުން މިތަހުގީގަށް އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާ ދިވެހިރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ
ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، މި ހަމަލާ ތަހުގީގުކުރުމުގައި ލިބެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ މިހަމަލާގައި އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ3 ބޮޑީގާޑަކަށާއި، އިނގިރޭސި ވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އާންމު ރައްޔިތަކަށްވެސް އަނިޔާލިބިފައެވެ.

މި ހަމަލާއާގުޅޭ އިތުރު މައުލޫމާތު ދިނުމަށްޓަކައި މިއަދު މެންދުރު 14:30 ގައި އިސްކަންދަރު ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ