ރޭގެ ހަމަލާއަކީ ދިވެހިންގެ އެއްބައިވަންތަކަމަށް ދިން ރަޙުމުކުޑަ ހަމަލާއެއް: އެމްއާރުއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ ނިރުބަވެރި ހަމަލާއަކީ، ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަމަށާއި، އިންސާނިއްޔަތަށް ދިން ރަޙުމުކުޑަ ހަމަލާއެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރޭގެ ހަމަލާ ކުށްވެރިކޮށް އެމްއާރުއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި، އެމަނިކުފާނަށް އަމާޒުކޮށްގެން ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާ މި ޕާޓީއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، އަދި ރައީސް މުޙައްމަދު ނަޝީދަށާއި، މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދޭކަމަށެވެ.

އަދި މިހަމަލާ އެންމެ އިސްކަމެއް ދީގެން، ޤާނޫނުތަކުން ލިބިދީފައިވާ ބާރުތައް އޭގެ އެންމެ ފުރިހަމައަށް ބޭނުންކޮއްގެން ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައިވާއިރު، މިފަދަ ނިރުބަވެރި ހަމަލާތަކަށް މި ފަސްގަނޑުގައި ޖާގަ ނުދިނުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް ސަލާމަތީ ބާރުތަކަށާއި، ކަމާބެހޭ ހުރިހާ ފަރާތްތަކަށް އެމްއާރުއެމްއިންވަނީ ގޮވާލާފައެވެ.

"މި ޕާޓީން ދެކޭ ގޮތުގައި މި ހަމަލާއަކީ، ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަމަށާއި، އިންސާނިއްޔަތަށް ދިން ރަޙުމުކުޑަ ހަމަލާއެކެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނިރުބަވެރި، އުދުވާނީ އެކިއެކި ފިކުރުތަކުން މި މުޖުތަމަޢު ސަލާމަތްކޮށް، ދިވެހީންގެ ތެރޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށްވެސް ސަލާމަތީ ބާރުތަކަށާއި އިދާރާތަކަށް އެމްއާރުއެމްއިންވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ މިހަމަލާގައި އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ 3 ބޮޑީގާޑަކަށާއި، އިނގިރޭސި ވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އާންމު ރައްޔިތަކަށްވެސް އަނިޔާލިބިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ