ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭގައި މަޑުކޮށްލަން އަންގާފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ މަސައްކަތަށް ނިކުތުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ. އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.
ނަމަވެސް، ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެފައިވާއިރު، އެ މައްސަލަ ބަލާ ނިމެންދެން ފަނޑިޔާރު ޢަބްދުﷲ ދީދީ އާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ވަނީ ދައުލަތުގެ އެންމެހާ މުއައްސަސާއަކަށް އަމުރުކޮށްފައެވެ.
އެހެންނަމަވެސް، ޖުޑިޝަލް ކޮމިޝަނުން ފަހުން ނިންމާފައިވަނީ، ސްޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށާއި، ފަނޑިޔާރު ހުންނަވާނީ ސަސްޕެންޝަނުގައި ކަމަށެވެ.
މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޖޭއެސްސީ އިން ސްޕްރީމް ކޯޓުގެ އަމުރު ބަލައިނުގަތުމަކީ ސްޕްރީމް ކޯޓުގެ އަމުރުގެ ބާރު ކެނޑިގެންދާ ކަމެއް ނޫން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރާއެކު ފަނޑިޔާރު އުސްތާޛު ޢަބްދުﷲ ދީދީ މަސައްކަތަށް ނިކުމެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް. ޖޭއެސްސީ އިން ސްޕްރީމް ކޯޓުގެ އަމުރު ބަލައިނުގަތުމަކީ އެ އަމުރުގެ ބާރު ކެނޑިގެންދާކަމެއް ނޫން. ދުސްތޫރީ މައްސަލައެއް ބަލާ ގޮތް ނިންމުމުގެ ބާރު ޤާނޫނު އަސާސީ އިން ދީފައިވަނީ ސްޕްރީމް ކޯޓަށް." އަދުރޭ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ހޫނުވެފައިވާއިރު، ބައެއް މަޖިލިސް މެންބަރުންނާއި ސިޔާސީ ލީޑަރުން ވިދާޅޫވެފައިވަނީ ފަނޑިޔާރަށް ފިޔަވަޅު އަޅާފައިވަނީ ޤާނޫނީ އިމުގެ ބޭރުން ކަމަށެވެ. އަދި އިމުގެ ތެރެއިން ކުރައްވާނަމަ އެކަންކަމަށް ތާއީދު ކުރައްވާކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.




