މޮރީޝަސް މުބާރާތުގެ އަންހެން އަދި މިކްސް ޑަބަލްސް ކުއާޓަރ ފައިނަލުން ރާއްޖޭގެ ޕެއަރތައް ޖާގަ ހޯދައިފި

މޮރީޝަސް އިންޓަނޭޝަނަލް ސީރީސްގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ބެޑްމިންޓަން ކުއާޓަރ ފައިނަލުން ރާއްޖޭގެ ޕެއަރތައް ޖާގަ ހޯދައިފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސީރީސްގެ އަންހެން ޑަބަލްސް ކުއާޓާރ ފައިނަލުން ޖާގަ ހޯދީ ނީލާ ނަޖީބާއި، މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއަރގެ އިތުރުން އާމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާގެ ޕެއަރއެވެ. 

ނީލާއާއި މައިސާގެ ޕެއަރ ގަދަ އަށަކުން ޖާގަ ހޯދީ މޮރީޝަސްގެ ހޯލާޝް އަދި ޝަރޯންގެ ޕެއަރ ބަލިކޮށްގެންނެވެ. ކުއާޓާރ ފައިނަލްގައި ރާއްޖޭގެ ޕެއަރ ނިކުންނާނީ މުބާރާތުގެ ދެވަނަ ސީޑް މޮރީޝަސްގެ އެލީސާ އަދި ކޮބީތާގެ ޕެއާރއާއި ދެކޮޅަށެވެ. 

ނަބީހާއާއި ނަބާހާގެ ޕެއަރ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ މޮރީޝަސްގެ ގަނޭޝާއާއި، ޖެމީމާގެ ޕެއަރ ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ނަބީހާއާއި ނަބާހާ ނިކުންނާނީ މުބާރާތުގެ އެއްވަނަ ސީޑް މިސްރުގެ ދޮހާ ހަނީ އަދި ހަދިއާ ހުސްނީގެ ޕެއަރއާއި ދެކޮޅަށެވެ. 

މިކްސް ޑަބަލްސްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ހަމައެކަނި ޕެއަރއަކީ ނަޝީއު ޝަރަފުއްދީނާއި، ނީލާ ނަޖީބްގެ ޕެއަރއެވެ. މި ދެ ކުޅުންތެރިން މިކްސް ޑަބަލްސްގެ ދެވަނަ ބުރާއި ފުރަތަމަ ބުރުގައި މޮރީޝަސްގެ ދެ ޕެއަރވެސް ފަސޭހަކަމާއިއެކު ބަލިކޮށްފައެވެ. ގަދަ އަށެއްގައި ނަޝީއު އަދި ނީލާގެ ޕެއަރ ނިކުންނާނީ އެމެރިކާގެ އެޑްވާޑް އަދި ޕައުލާގެ ޕެއަރއާއި ދެކޮޅަށެވެ.

ހުރިހާ އިވެންޓެއްގެވެސް ކުއާޓަރ ފައިނަލް މެޗުތަކާއި ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިއަދެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓަށް ބަލާލާއިރު، ރާއްޖޭގެ ހުރިހާ ޕެއަރއެއް ފުރަތަމަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކުރި ނަމަވެސް ދެވަނަ ބުރުގައި ވަރުގަދަ ވާދައެއްކޮށް ހުރިހާ ޕެއަރއެއްވަނީ ބަލިވެފައެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަބީހާ، ޝަހުރުނާޒް އަދި މައިސާ ފުރަތަމަ ބުރުން ކެޓިއިރު، ނަބާހާ އަދި ނީލާ ކެޓީ ދެވަނަ ބުރުންނެވެ. ފިރިހެން ސިންގަލްސް މެއިން ޑްރޯގައި ވާދަކުރި ޒަޔާން ފުރަތަމަ ބުރުން ބަލިވިއިރު، އެހެން ކުޅުންތެރިން ކެޓީ ކޮލިފައިން ބުރުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް