މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ދިވެހި ބެޑްމިންޓަން އެންމެ މޮޅު ދެބެއިން ކަމަށްވާ އައިމިނަތު ނަބީހާ(ނަބީ) އާއި ފާތިމަތު ނަބާހާ(ނަބާ) ލޯ މެޑަލް ހޯދައިފިއެވެ.
މި މުބާރާތުގައި ނަބީ އާއި ނަބާގެ ޕެއާއިން ލޯ މެޑަލް ހޯދީ މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގައި އިއްޔެ ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު ކުޅުނު މެޗުންނެވެ. މެ މެޗުން އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާ މެޗު ކާމިޔާބު ކުރީ 21-14 އަދި 21-02 ންނެވެ.
ނަބީ އާއި ނަބާ ވަނީ މީގެ ކުރިން އަންހެން ޑަބަލްސް އިން ރާއްޖެ އަށް ބައިނަލްއަގުވާމީ ނުވަ މެޑަލް ހޯދައިދީފައެވެ. އެއީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލްއެވެ. އެއާއެކު އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުން ލިބުނު ލޯ މެޑައްޔާއެކު ދެބެން ވަނީ ޖުމުލަ 10 މެޑަލް ބައިނަލް އަގުވާމީ މައިދާނުގައި ޑަބަލްސް އިވެންޓުން ހޯދައިފައެވެ.
އޭގެ އިތުރުން ނަބާ އާއި ނަބީއަށް ލިބުނު މި މެޑައްޔާއެކު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ބެޑްމިންޓަންގެ އިންޓަނޭޝަނަލް ޗެލެންޖް ލެވަލް މުބާރާތަކުން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިންނެވެ.
ނަބާ އާއި ނަބީގެ ޕެއާ މި މުބާރާތަށް ފަހު ދެން ވާދަކުރާނީ މި މަހު 12ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންތަކެއް ދުނިޔޭގެ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.




