އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ކައިރީގައިވާ ނާރކް ޑިސްޓްރިކްޓް ތޯލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
މި ޑިސްޓްރިކްޓް ތޯލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައި މިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަނގުރާމަވެރިން ވެފައިވާ އެއްބަސްވުން ފެށެން އެއްދުވަހަށް ވެފައި ވަނިކޮށެވެ.
ތޯލިބާން ހަނގުރާމަވެރިންވަނީ ވާރޑަކް ޕްރޮވިންސްގެ ނާރކް ޑިސްޓްރިކްޓް ކުއްލި ހަމަލާއެއްދީ އެމީހުންގެ ބާރުގެ ދަށަށް އިއްޔެ ގެނެސްފައިވާކަން ހާމަކޮށްފައެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުންދާއިރު ތޯލިބާނުން އައްނަނީ އަފްގާނިސްތާނުގައި އެމީހުންގެ ބާރު ގަދަކުރަމުންނެވެ.
ވާރޑަކް ޕްރޮވިންސްގެ ގަވާރނަރ އަބްދުއްރަހުމާން ތޯރިގްވެސްވަނީ ހަނގުރާމަވެރިން ނާރކް ޑިސްޓްރިކްޓް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. އަދި އެ ޑިސްޓްރިކްޓް ދޫކޮށް ސަރުކާރު ސިފައިން ފައިބާފައިވާކަމަށް ބުނެފައެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނަށް 2001 ވަނަ އަހަރު އަރައި އަފްގާނިސްތާނުގައި އޭރު އޮތް ތޯލިބާން ވެރިކަން ވައްޓާލުމަށްފަހު އެގައުމުގައި ކުރަމުން އައި ހަނގުރާމަ ނިމިފައިވާކަން ހާމަކޮށްފައިވީނަމަވެސް މިއަދާއި ހަމައަށްވެސް އެމެރިކާއަށްވަނީ ތޯލިބާނުންގެ ބާރު އެގައުމުން ކަނޑުވާ ނުލެވިފައެވެ. އަދި މިއަދު އަފްގާނިސްތާނުގެ ބޮޑުބަޔެއް ތޯލިބާނުން އައްނަނީ ކޮންޓްރޯލް ކުރަމުންނެވެ.