ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް އިދާރީ ފިޔަވަޅު އެޅުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން އިއްޔެ އާންމުކުރި ސަރކިއުލައެއްގައި ވިދާޅުވެފައި ވަނީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނޫ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމާއި،
ނުވަތަ ކުރަން އުޅުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެއްވެސް ސިފައެއްގައި އެފަދަ ޢަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް އެފަދަ ކަމަކަށް ހިއްވަރުދިނުން ކުށެއްކަމަށެވެ.
އެކޮމިޝަނުން ވިދާޅުވީ ޓެރަރިޒަމްގެ މަނާކުރާ ޤާނޫނުގައި ބުނާ ފަދަ އެއްވެސް ޢަމަލެއް ސިވިލް ސަރވިސް މުވައްޒަފަކު ކުރުމަކީ އިދާރީ ފިޔަވަޅު އެޅޭނެކަމެއްކަމަށެވެ.
އެ ގޮތުން، އެކިއެކި މީޑިއާގެ ވަޞީލަތްތަކާއި އެނޫންވެސް ވަޞީލަތްތައް މުވައްޒަފުން ބޭނުންކުރުމުގަ އާއި މުޖުތަމަޢުގައި އުޅޭ އުޅުމުގައި، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރުދިނުމާއި، ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސްގެ މުވައްޒަފުން ނުކުރުމަށް އެކޮމިޝަނުން ވަނީ ޢިލްތިމާސްކުރައްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ އެ ސަރކިއުލަރއާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ޢަމަލުކުރުމަށާއި، އަދި އެ ސަރކިއުލަރއާ
ޚިލާފުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އެޅޭނެކަމުގައި އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިފަދަ ސަރކިއުލަރއެއް ނެރެފައި މިވަނީ ދާދި ފަހުން މާލޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށެވެ.