އަންހެން ކުއްޖާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލުމުން ޖަންނަތު އިތުރަށް ހިތުގައި ޖެހުން ނޫން ކަމެއް ނުވިއެވެ. ފެންނަ ފެނުމަށް އެކުއްޖާ ޖަންނަތަށްވުރެ ރީތިވެފައި ހަރު ވައްތަރު ޖަހާހެން ޖަންނަތަށް ހީވިއެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރާއި، ތިބިލެއް ކައިރިކަމުން އެ ދެމެދުގައި އޮތީ ރަޙުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއްކަން ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެވަގުތު ހިތަށް އަރާ ފައިބަން ފެށި އެއްޗެހިން ޖަންނަތުގެ ލޮލުން ކަރުނަ ހިލޭ ގޮތްވިޔެވެ. މީގެ ދެހަފްތާ ކުރިއާ ޖެހެންދެން އަރުޝަމް ހަމައެކަނި އެނަޒަރުން ބަލަމުން ދިޔައީ އޭނާއާ ދިމާއަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހެއްގެ ހިތް ހަމަ ބަދަލުވެދާނެ ހެއްޔެވެ؟
އެ މަންޒަރު ބަލަން ކެތް ނުވުމުން ޖަންނަތު އަވަހަށް މޭޒުމަތީގައި އޮތް ދަބަސް ނަގައިގެން އެތަނުން ދާން ހިނގައިގަތެވެ. ޒަހާމެން ގޮވުމުންވެސް އޭނާ ފަސް އެނބުރި ބަލާލުމެއް ނެތި ބާރުބާރަށް ގޮސް އެތަނުން ނުކުތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ހެދުންވެސް ބަދަލުނުކޮށް ދަބަސް އެނދު މައްޗަށް ހޫރާލުމަށްފަހު ޖަންނަތު ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. އެ ހުރިހާ އިރަކު ގަދަކަމުން ލޮލުގައި ފޮރުވާފައި ހުރި ކަރުނަތައް އޭރު އެއްވެސް ހިފެހެއްޓުމެއްނެތި ފައިބަން ފަށައިފިއެވެ. ފުނި ޖެހެމުން ދިޔަ ޝަކުވާތަކުން ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ބޮޑުވަމުންނެވެ. އެހެން އޮތް އިރު އަރުޝަމްއަށް ގުޅުމަށް ކިތަންމެ ފަހަރަކު ފޯނު ނެގިއެވެ. ނަމަވެސް އެއީ ބޭކާރު ކަމެކޭ ހިތަށް އެރުމުން ދެން ދުވަހަކުވެސް ނުގުޅުމަށް ޢަޒުމު ކަނޑައެޅިއެވެ.
އެދުވަހުގެ ރެޔެވެ. ސީމާ ކާން ގޮވުމުންވެސް ބަނޑުހައި ނުވާކަމުގެ ބަހަނާ ދައްކާފައި ޖަންނަތު އޮތީ ކޮޓަރިންވެސް ނުނިކުމެއެވެ. ރޮއި ރޮއި އޭނާގެ ދެލޯ ހުރީ ދުޅަވެފައެވެ. މޫނުމަތިންވެސް ޖަހަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރި ކުއްޖެއް ވައްތަރެވެ. ފޮތެއްގައިވެސް އަތްލާ ހިތް ނުވާތީ ޖަންނަތު އޮތީ ފޯނާ ކުޅޭށެވެ. އެހެން އޮއްވާ އަންނަންފެށީ ޒަހާގެ ކޯލެކެވެ.
"ޖަންނަތު ޙާލު ކިހިނެއްތަ؟" ފޯނު ނަގަން ނުނަގަން އޮތުމަށްފަހު ކޯލު ކެނޑެން ކައިރިވެފައި ހުއްޓާ ޖަންނަތު ފޯނު ނެގުމާއެކު ޒަހާ އަހާލިއެވެ.
"ދެން އެނގެއެއްނު." މޮޅިވެރި އަޑަކުން ޖަންނަތު ޖަވާބު ދިނެވެ.
"އިނގޭ ވާނެ ގޮތް.... އަސްލު މިގުޅީ ވާހަކައެއް ބުނަންވެގެން. އަރުޝަމްގެ ރައްޓެހި ޔޫޝައުއަށް އަހަރެން ގުޅާލިން އެ އަންހެން ކުއްޖާއާ ބެހޭގޮތުން އަހާލަންވެގެން. އެކުއްޖާގެ ނަމަކީ އައިރީން. އެއީ އަރުޝަމް މަންމަގެ ރައްޓެއްސެއްގެ ދަރިޔެކޯ. އެ ފެމިލީ މީހުން ވަރަށް ކުރިއްސުރެވެސް އަރުޝަމްއާ އައިރީންއާ ކައިވެނިކުރުވަން އޮތީ ހަމަޖައްސާފަކަމަށްވަނީ. އައިރީން ހުންނަނީ އަބަދުވެސް އަރުޝަމްއާ ހެދި މޮޔަވެފަޔޯ. އެހެންވެ ޖަންނަތު މަންމަމެން ޤަބޫލު ނޫންކަމެއް ޖަންނަތު ނުކުރާނެކަން އެނގޭތީ ދުވަސްތަކެއް ބޭކާރު ނުކުރާންވެގެން އަރުޝަމް މިހާރު އުޅެނީ އައިރީންއާ ކައިވެނިކުރާށޯ." ޔޫޝައު ކިޔައިދިން ވާހަކަތައް ވަރަށް ތަފްސީލުކޮށް ޒަހާ ކިޔައިދިނެވެ.
"އެހެންތަ؟" ޒަހާ ދެއްކި ވާހަކަތައް އަޑުއަހާފައި ހިތުގައި ޖެހުނު ވަރުން ޖަންނަތަށް އިތުރު އެއްޗެއް ނުބުނެވުނެވެ.
"ދެން ޖަންނަތު އެކަމާ ދެރަނުވޭ. އިރާދަކުރެއްވިއްޔާ އަރުޝަމްއަށްވުރެ މާ ރަނގަޅު ކުއްޖެއް އަދި ލިބޭނެ." ޖަންނަތަށް ހިތްވަރު ދިނުމުގެ ގޮތުން ޒަހާ ބުންޏެވެ. އެއަށްފަހު ޖަންނަތު އިތުރަށް އެއްޗެއް ނުބުނުމުން ޒަހާއަށްވެސް ގިނަ ވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ފޯނު ބޭއްވިއެވެ.
ޒަހާ ފޯނު ބޭއްވުމާއެކު ޖަންނަތަށް އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. ޖަންނަތު އެހެން ފިރިހެން ކުއްޖަކާ އަނގައިން ބުނެލިޔަސް ތެޅި ފޮޅޭ މީހަކު މިއަދު އޭނާ ހުރި ޙާލުވެސް ބަލާ ނުލައެވެ. އަދި އެހެން ފިރިހެނަކު އޭނާއާ ދިމާއަށް ބަލާލިޔަސް އެމީހެއްގެ ދެލޯ ކޮނެލަން ތައްޔާރަށް ހުރި މީހަކަށް އެހާ ފަސޭހައިން އޭނާ ދޫކޮށްލަން ކެރިއްޖެއެވެ. ޤަބޫލުކުރަން ކިތަންމެ ބޭނުންނުވި ނަމަވެސް މިއަދު އެކަން އެއޮތީ އެހެން ވެފައެވެ. ޖަންނަތަށް ހީވިއެވެ. އަރުޝަމް ދުވަހަކުވެސް އޭނާ ދޫކޮށެއް ނުލާނެއެވެ. ފަހު ނޭވަޔާ ހަމައަށްވެސް އެކުގައި އުޅޭނެއެވެ. އަރުޝަމް އޭނާ ދެކެ އެހާވެސް ލޯބިވެއެވެ. ނަމަވެސް އެއީ ކުރެވުނު ކުށްހީއެއްކަން މިއަދު އެނގިއްޖެއެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ. ކުރެވޭނެ ކަމެއް ނެތްކަން ޤަބޫލުކޮށް ޖަންނަތު ދިޔައީ އަރުޝަމް މަތިން ހަނދާން ނައްތާލެވޭތޯ މަސައްކަތްކުރަމުންނެވެ. އައި ރުޅީގައި ފޯނުގައި ރައްކާކޮށްފައި ހުރި އަރުޝަމްގެ ފޮޓޯތަކާއި، މެސެޖްތައް އަދި ނަންބަރުވެސް ފޮހެލިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ހިތުން ފޮހެލުންވީ ހީކުރިވަރަށްވުރެ އުނދަގޫކަމަކަށެވެ.
ހަތަރުވަނަ ސެމިސްޓަރ ނިމެން އުޅޭތީ ޓެސްޓަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އެކްސްޓްރާ ކްލާސްތަކާއި ރިވިޝަން ކްލާސްތައް ނަގަމުންދާތީ އާންމުކޮށް ހޭދަކުރަންޖެހޭ ވަގުތަށްވުރެ ގިނަ ވަގުތު ޖަންނަތުމެންނަށް ކޮލެޖުގައި ހޭދަކުރަން ޖެހެއެވެ. އޭގެ އިތުރުން ގްރޫޕް ސްޓަޑީ ހެދުމަށާއި ފިލާވަޅުތައް މުޠާލިޢާކުރުމަށްޓަކައި ލައިބްރަރީގައިވެސް މަޑުކުރާތީ ވަގުތުތައް ދާ ނުދާގޮތެއްވެސް ނޭނގެއެވެ. ބުރަކޮށް އުޅެން ޖެހުމުން ޖަންނަތު ހުރީ ކޮންމެވެސް ވަރަކަށް އަރުޝަމްގެ ހަނދާންތަކުން ދުރަށް ދެވޭ ގޮތްވެފައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޖެހިގެން އަންނަ ދުވަހު ޓެސްޓް ފެށޭތީ ފިލާވަޅުތައް މުޠާލިޢާކުރުމަށްޓަކައި ލައިބްރަރީގައި އިނުމަށްފަހު ޖަންނަތު ގެއަށް ދާން ނުކުތީ ޒަހާއާއި ޖީނާ ގެއަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭރުވެސް ބައެއް ކުދިން ގްރޫޕް ސްޓަޑީ ހެދުމަށާއި ފިލާވަޅު ދަސްކުރުމަށްޓަކައި އެތަނުގައި ތިއްބެވެ. ޖަންނަތު ގޮސް ކޮލެޖް ގޭޓާ ހަމައަށް އެރި ވަގުތު ފަހަތުން ފިޒާމް އައިސް ޖަންނަތާ އެއްވަރުކުރިއެވެ. އަދި ފިލާވަޅުތަކާ ބެހޭ އެކި ވާހަކަ ދައްކަމުން ޖަންނަތާ އެއްވަރަށް އޭނާވެސް ހިނގަމުން ދިޔައެވެ. ވާހަކައިގައި ތިބެގެން ޖަންނަތު އުޅޭ ގެއާ ހަމައަށް ދެވުނު އިރުވެސް އެމީހުންނަކަށް ނޭނގުނެވެ. ގޭގެ ދޮރާ ހަމައަށް އެރުމާއެކު ވާހަކަ މެދުކަނޑާލުމަށްފަހު ފިޒާމާ ދިމާއަށް ހިނިތުންވެލާފައި ޖަންނަތު ދަނީ ކަމުގައި ބުނެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ގޭގެ ލިފްޓާ ހަމައަށް ދެވެނީ ތަންކޮޅަކަށް ހިނގާލުމަށްފަހުގައެވެ. ޖަންނަތު މަޑު ހިނގުމެއްގައި ގޮސް ލިފްޓް ހުޅުވާލުމަށްޓަކައި ފިތަށް އޮއްބާލަން އަތް ނެގި ވަގުތު ވަރަށް ބާރަށް ފަހަތުން އައި މީހަކު އެއްއަތުން ކުއްލިއަކަށް ޖަންނަތުގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެމީހެއްގެ އަނެއް އަތް ޖަންނަތުގެ އަނގަ މަތީގައި އެޅުމަށްފަހު ގެންގޮސް ފާރާލާ ފިއްތާލިއެވެ. ކުއްލިއަކަށް މި އައި ޙަމަލާގެ ސަބަބުން ޖަންނަތު ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ހަޅޭލަވައިގަންނަން އަޑު ނެރެން މަސައްކަތްކުރި ވަރަކަށް ލޮލުން ދިޔައީ ހޯސްލާފައި ފެން ފައިބަމުންނެވެ. ސަލާމަތްވެވޭތޯ ތެޅެމުން ދަނިކޮށް ކުއްލިއަކަށް ޖަންނަތަށް އެމީހެއްގެ މޫނު ފެންނަގޮތަށް އަނބުރާލިއެވެ. އެވަގުތު ޖަންނަތުގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ.
(ނުނިމޭ)