ފުރާޅު އެއްލާލި ގެ ކައިރީ މީހުން ހަރަކާތްތެރިވަނީ - ފޮޓޯ: ރަޒާން

ގަދަވަޔާއެކު އިހަވަންދޫ ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އިހަވަންދޫގައި ހުރި ފެށުމުގެ ރިޕޯޓަރު ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަ ވަޔާއެކު ފުރާޅު އެއްލާލައި ގެއްލުންވެފައިވަނީ އެރަށު "ހަބަރުގެ" އަށް ކަމަށާއި، ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 02:30 ކަންހާއިރު ކަމަށެވެ.

ބިދޭސީން ދިރިއުޅެމުންދަ މި ގޭގެ ފުރާޅު އެއްލާލުމާއި ގުޅިގެން، ފުލުހުންނާއި ކައުންސިލުން ގުޅިގެން އެ ގެ އަލުން ހިޔާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ފުރާޅު އެއްލާލި ގެ ކައިރީ މީހުން ހަރަކާތްތެރިވަނީ - ފޮޓޯ: ރަޒާން

ކުރަމުންދާ ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލުމުގެ އިތުރުން ބަނދަރުގައި އަޅާފައިހުރި އޮޑި ދޯނިފަހަރުގެ ނަގިލި ކަހާލުމާއި ވާތައް ކަނޑައިގެން ދިއުމުގެ ހާދިސާތައް އެރަށުގައި ހިނގާފައިވެއެވެ.

ބަނދަރު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ - ފޮޓޯ: ރަޒާން

އެރަށުގެ ބަނދަރު ތަރައްޤީކުރުމަށް ކަނޑުތޮށި ނަގާފައިވުމުން، ޖެހެމުންދާ ގަދަވަޔާއެކު ބިޔަ ރާޅުތަކުގެ ގެއްލުން އެރަށަށް ދަނީ ފޯރަމުންނެވެ. އޮޑިދޯނިފަހަރަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި ކޮންކްރީޓް ބަރު ފައްތާ، ފައްތިޔާތައް ވަނީ ވަރުގަދަކޮށްފައެވެ.

މޫސުން ގޯސްވެ ހއ.އިހަވަންދޫއަށް ގެއްލުންތަކެއް ލިބުނުއިރު، ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވިފައިވާކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ