ހދ. ނޮޅިވަރަމްގައި ޖަހާފައި ހުރި އެންޓަނާއެއް ވައިގަދަވެ ވެއްޓިއްޖެއެވެ.
ނޮޅިވަރަމް ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ މިއަދު މެންދުރު ފަހު 13:36 ހާއިރު ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
ވެއްޓިފައިވަނީ އެރަށުގެ ސްކޫލާއި ކައުންސިލްކައިރީ ހުރި ވަރަށް ދުވަސްވެފައިވާ އެންޓަނާއެކެވެ.
އަޙްމަދު ރަޝީދު ވިދާޅުވީ، އެ އެންޓަނާއަކީ ވަރަށް ކުރިން އެރަށަށް އެންމެ ފުރަތަމަ ޓީވީގެ ޚިދުމަތް ދިނުމަށް އޭރު ޖަހާފައިވާ އެންޓަނާއެއްކަމަށާއި، މިހާރު އެ އެންޓަނާ ޖެހިފަހުން ވިއްސަކަށް އަހަރު ވެދާނެކަމަށެވެ. މި އެންޓަނީ މިހާރު ބޭނުން ކުރަމުން އަންނަނީ ކައުންސިލްގެ ލައިޑް ސްޕީކަރު ހަރުކޮށް ރަށުތެރެއަށް ގޮވަންޖެހޭ މުޙިންމު ގޮވުންތައް ގޮވުމަށެވެ.
އެ އެންޓަނާއަކީ އާދައިގެ ދަނގަނޑުން ހަދާފައިވާ އެންޓަނާއެއްކަމުން އެންޓަނާގެ ބުޑުގައި ދަބަރު ޖަހާފައި ހުރިކަމުގައި އަޙްމަދު ރަޝީދު ވިދާޅުވިއެވެ. އަދި އެންޓަނާ ވެއްޓުނީ ގިނަ ދުވަސްވެ ވެއްޓިދާނެކަމަށް ބަލައި އެ ނެގުމުގެ މަޝްވަރާތައް ކުރަމުން ދަނިކޮށް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

އެންޓަނާ ނެގުމުގެ މަސައްކަތް ކުރިޔަސް ގެންގޮސްފައިވަނީ ނޮޅިވަރަމް ކައުންސިލާއި، ފުލުހުން ގުޅިގެންނެވެ.
މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ރައްކަތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
އެގޮތުން ވިލާ ގަނޑުގެ ބާރުގަދަވެ ބައެއް ރަށްތަކަށް އުދަ އަރަމުން އަންނަ އިރު، ގަދަ ވަޔާއެކު ބައެއް ރަށްރަށުގައި ގެތަކުގެ ފުރާޅުތައްވެސް ވަނީ އެއްލާލާފައެވެ.
މީގެ އިތުރުން ދަނޑުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ބޮޑެތި ގަސްތަކާއި ރުއްތައްވެސް ވައިގަދަވުމުގެ ސަބަބުން ވަނީ ވެއްޓިފައެވެ.



