ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި 8 ކުޑަކުދިންނާއި ދެ އަންހެނުން ޝަހީދުވެއްޖެއެވެ.
އެއްވެސް އިންޒާރު ދިނުމަކާއިނުލާ އިސްރާއިލުގެ ވައިގެ ސިފައިން ދިން މި ހަމަލާގައި އިތުރު 15 މީހުން ޒަހަމްވެފައިވާއިރު މީގެތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
އިސްރާއިލުން ފަލަސްތީނަށް އަމާޒުކޮށް މިފަހުން ހަމަލާތައްދޭން ފެށިތާ މިއަދަށް ހަދުވަސްވެފައިވާއިރު ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ހަމަލާދިން މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިންވެސް އިސްރާއިލުންވަނީ ފަލަސްތީނުގެ ގައްޒާގެ އާމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އެޖެންސީ އިން ބުނެފައިވާގޮތުގައި އިސްރާއިލް ސިފައިން ހަމަލާދީފައިވާ މި ރެފިއުޖީ ކޭމްޕަކީ ގައްޒާގައި ގާއިމް ކޮށްފައިވާ އަށް ރެފިއުޖީ ކޭމްޕުގެ ތެރެއިން އެންމެ މީހުން ގިނަ ރެފިއުޖީ ކޭމްޕެވެ. މިގޮތުން މި ރެފިއުޖީ ކޭމްޕުގައި 85،000 ވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. މި ރެފިއުޖީ ކޭމްޕުގެ ބޮޑުމިނަކީ 0.52 ސުކެއާ ކިލޯމީޓަރެވެ.
އިސްރާއިލުން ބުނެފައިވަނީ އިސްރާއިލުގެ ވައިގެ ހަމަލާތައް ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒު ނުކުރާ ކަމަށާއި ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ކަަމަށެވެ. އަދި ބަޔެއް ރެފިއުޖީ ކޭމްޕުތަކުގެ ހިމާޔަތް ހަނގުރާމަވެރިން ހޯދަމުން އައްނަ ކަމަށެވެ. ނަމަވެސް މިވާހަކަތައް ރެފިއުޖީ ކޭމްޕްތައް ހިނގާ ފަރާތްތަކުން ދޮގުކުރެއެވެ.
އިސްރާއިލުން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ ރައްދުގައި ހަމާސްއިން މިހާތަނަށްވަނީ ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް އިސްރާއިލުގެ ދެ ޓައުނަކަށް އަމާޒުކޮށް ފޮނުވާލައިފައެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އިސްރާއިލުގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައެއް ނުވެއެވެ.




